އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިިންތިޚާބުގައި ކަންކަން ގޯހުން ގޯހަށް ގެންދިޔުމަށް ފުލުހުން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޓީވީއެމް ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިފާން ރޭ ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ވޯޓާ ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"28 ޖޫން ވި ދުވަހު އަޅުގަނޑުމެންގެ އެކްޓިން ކޮމިޝަނަރ ވާނެ މީޑިއާ އަށް ބައްދަލުކޮށްފަ. މިކަމުގަ އަޅުގަނޑުމެންގެ ކޮމާންޑް ވަރަށް ސާފު. ދިވެހި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގަ ވޯޓާ ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުސަތެއް ނުދޭނެ ކަމަށް އަޅުގަނޑުމެންގެ އޮބްޖެކްޓިވް އަކީ ވެސް. އެހެންވީމަ އެކަން ސާފުކޮށް އަޅުގަނޑުމެންގެ ފޯސް އަށް ވާނީ އަންގަވާ ދެއްވާފަ. އެހެންވީމަ އެ ކޮމާންޑް މުޅި ފޯސްގަ އެގޮތަށް ހިނގާނެ،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އެއްވެސް ފަރާތަކުން ހަމަނުޖެހުމެއްގެ ތެރެއަށްދާން ވިސްނާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެފަދަ ކަމެއް ހިންގައިފި ނަމަ ފުލުހުން އެކަން ވާހަކަ ދައްކައިގެން ހައްލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުންގެ އިތުރުން ބެކަޕް ޓީމް ތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ވަރަށް ބޮޑަށް ފުލުހުންގެ ރޭވުންތައް ކަސްޓަމައިޒް ކުރެވިފައި ވާނެ ކަމަށް ވެސް ޝިފާން ފާހަގަކުރެއްވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީގެ ހިތަދޫ ގައި ހުންނަ ސައުތް ޕޮލިސް ޑިވިޝަން ކޮމާންޑަރު، ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ގައި ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޮގޮތުން މިހާރު ފުލުހުންނަށް ހާއްސަ ތަމްރީނުތަކެއް ދެމުން އަންނަ ކަމަށާއި ކެމްޕޭނުގެ ހަރަކާތްތައް ސުލްހަވެރިކަމާއެކު ކުރިޔަށް ގެނދިޔުމަށް އަންގައި ސިޔާސީ ފަރާތްތަކަށް ބައްދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަށް ކުރިން ހެދިފައި ހުރި ޓްރެއިންތަކުގެ އިތުރުން ރިފްރެޝް ޓްރެއިންތަކެއް ހިންގަމުން ދަނީ، މިހާރު ބައެއް ޕޮލިސް ސްޓޭޝަން ތަކުގައި އެ ޓްރެއިނިންގްތައް ހިންގަމުން މިދަނީ. ކުރިޔަށް އޮތްތާ ފުވައްމުލަށް އަދި ހުޅުމީދޫ ސްޓޭޝަން ތަކުގައި އެ ޓްރެއިންތައް ހިންގާނަން،" އަޒްހާން ވިދާޅުވިއެވެ.