23 Aug 2018, 21:58
އަމިއްލަ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް ރީ ރެޖިސްޓާ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ހަ ހާހެއްހާ ފޯމްގައި މައްސަލަ ހުރުމުން ބާތިލްކޮށް، އެ މީހުނަށް އަލުން ރީ ރެޖިސްޓްރޭޓްވުމަށް ތިން ދުވަސް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ރީ ރެޖްސިޓްރޭޝަނަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން މައްސަލަ ހުރި ފޯމްތައް ބާތިލްކޮށް އެ މީހުންގެ މޯބައިލް ނަމްބަރަށް މެސެޖް ފޮނުވަމުންދާ ކަމަށެވެ.
"ފަސް ހާއި ހަ ހާއި ދެމެދުގެ ފޯމްތަކުގައި އެބަ އުޅޭ މައްސަލަ. އެ ފޯމްތައް ބާތިލްކޮށް މި ރެއިން ފެށިގެން މިދަނީ އެ މީހުނަށް މެސެޖް ފޮނުވަމުން،" އަކްރަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މެސެޖް ފޮނުވާ މީހުނަށް އަލުން ރީ ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނީ މި މަހުގެ 27 އިން ފެށިގެން 29 އަށް ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އިލެކްޝަނުން މެސެޖް ފޮނުވާ މީހުންގެ އިތުރުން އެއްވެސް މީހަކަށް އަލުން ރީ ރެޖިސްޓްރޭޓް ފޯމް ހުށަހެޅުމުގެ ފުރުސަތެއް ނެތް ކަން އަކްރަމް ފާހަގަކުރެއްވި އެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެއެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަށް ވޯޓު ލުމަށް އެދި 95،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.