ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކަންގަނާ ރަނާއުތުއަށް ކުރިޔަށް އޮތީ ބިޒީ ދުވަސްތަކެވެ. މިހާރުވެސް އޭނާގެ ފިލްމުތަކެއް ކުރިޔަށް ރިލީޒްކުރަން އެބަ ހުއްޓެވެ.

ކަންގަނާއަށް ކުރިޔަށް ދެން އޮތީ "ޕަންގާ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތެވެ. އޭނާ މިހާރު ވަނީ އެ ފިލްމަށް ސޮއިވެސް ކޮށްފައެވެ.

އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ ކިޔައިދޭ "ޕަންގާ"އަކީ އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓް ކުރާ އާއިލީ ފިލްމެކެވެ. މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ބެރިލީ ކީ ބަރްފީ"ގެ ޑައިރެކްޓަރަކީވެސް އަޝްވިނީއެވެ.

"ޕަންގާ"ގެ ފަސްޓްލުކް ވެސް މިހާރު މިވަނީ ދައްކާލާފައެވެ. ކަންގަނާއާއި ފިލްމުގެ ބައެއް ކާސްޓުންގެ ތެރޭގައި ހިމެނޭ ޖައްސީ ގިލްއާއި ނީނާ ގުޕްތާގެ އާއިލާގެ ފޮޓޯތަކަކާ ފަސްޓްލުކް ދައްކާލީ ތަފާތު ގޮތަކަށެވެ.

ބޮޑަށް ބެލެވެނީ "ޕަންގާ" ސްކްރީނަށް އަންނާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ރިލީޒްކުރާނެ ތާރީހެއް އަދި ފިލްމުގެ ޓީމަކުން ކަނޑައެއް ނާޅައެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 19 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ. އަދި ހަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒްކުރާ ފިލްމު "މެންޓަލް ހޭ ކިޔާ" އިންވެސް ކަންގަނާ ފެންނާނެއެވެ.