ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މައްސަލަ އަންނަ ހުކުރު ދުވަހު އދ. އަށް ހުށަހަޅާއިރު، ދިވެހިން ތިބޭނީ ފަލަސްތީނާއެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށާއި އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ގޮވާލައްވައިފި އެވެ.

ނިއު ޔޯކްގައި މިއަދު ފަށާ އދ. ގެ 66 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން މިދިޔަ ހޮނިހިރު ދުވަހު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނަނީ، ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފުތާ ތެރޭ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވެފައިވަނީ، ފަލަސްތީނު ރައްޔިތުންނަށްވެސް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެ އަސާސީ ހައްގު ހޯދުމަށް އެމީހުން ދިގު އިންތިޒާރެއްކޮށްފައިވާ ކަމަށެވެ.

އަދި ފަލަސްތީނު މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަތުމަށް އެ ގައުމުން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާއިރު "ރާއްޖެ އޮންނާނީ ފަލަސްތީނާ ކޮނޑާއި ކޮނޑު ޖައްސައިގެން" ކަމަށެވެ. އެގޮތަށް އަަމަލުކުރުމަށް އެހެން ގައުމުތަކަށްވެސް އޭނާ ގޮވާލެއްވި އެވެ.

ނަސީމް ވިދާޅުވެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމުން ސުލްހައިގެ ވާހަކަތަކަށް ބުރުލެއް އަރާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ލިބުމުން، ދެގައުމަށް ވެސް ހަމަހަމަ ބަޔެއްގެ ގޮތުގައި ސުލްހައިގެ ވާހަކަތަށް ކުރިއަށް ގެންދިއުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އަންނަ ހުކުރު ދުވަހު އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވަނީ ވިދާޅުވެފަ އެވެ. އައްބާސް ހުށަހަޅުއްވާފައިވަނީ، 1967 ވަނަ އަހަރުގެ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމަށެވެ. ނަމަވެސް، އޭގެ ތެރޭގައި އިޒްރޭލުގެ ފައުޖުތަކުން އެގައުމުގެ ބާރުގެ ދަށަށް ގެންދިޔަ ހުޅަނގު އައްސޭރި ފަށާއި ޖެރޫސަލަމް ]ގުދުސް[ ވެސް ހިމެނެ އެވެ. ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ވާހަކަތައް 2009 ވަނަ އަހަރު މެދުކެނޑިފައިވަނީ، ހުޅަނގު އައްސޭރިފަށުގައި އިޒްރޭލުން އާބާދުކުރުން ހުއްޓާނުލުމުންނެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރައްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުރިން ވާހަކަފުޅުދައްކަވާފައިވާ ނަމަވެސް، އެމަނިކުފާނުގެ ބަސްމަގު ވަނީ ބަދަލުވެފަ އެވެ. އެގޮތުން ފަލަސްތީނުގެ ހުށަހެޅުމުގެ ސަބަބުން އިޒްރޭލާއި ފަލަސްތީނު ސުލްހައިގެ ވާހަކަތަކުން އިތުރަށް "ދުރަށް" ދާނެ ކަމަށާއި އެގޮތަށް ވާނެ އެއްވެސް ކަމަކަށް އެމެރިކާއި ތާއީދުނުކުރާނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ. މިއީ އދ. ގެ ސެކިއުރިޓީ ކައުންސިލުގައި އެމެރިކާއިން ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ވީޓޯކުރާނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ފަސް ގައުމުގެ ތެރެއން އެއްވެސް ގައުމަކުން އެ މައްސަލަ ވީޓޯކޮށްފި ނަމަ، އެ މައްސަލަ އާންމު މަޖިލީހަށް ހުށަހެޅުމަށް ފަލަސްތީނުން ވަނީ ނިންމައިފަ އެވެ. ދެން އެކަމުގައި ނަގާނީ އާއްމު މަޖިލީހުގެ ވޯޓެކެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތުން އެ މައްސަލަ ފާސްވެއްޖެ ނަމަ، ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ލިބޭނެ އެވެ. ނަމަވެސް އދ. ގެ މެމްބަރުކަމެއް ނުލިބޭނެ އެވެ.

މިހާރު އދ. ގައި ފަލަސްތީނު ބައިވެރިވަނީ އޮބްޒާވަރެއްގެ ގޮތުގައި އެވެ.