އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ހިންގާ ކެމްޕެއިން ހަރަކާތްތައް ހަމަހަމަކަމާ އެކު ކުރިއަށް ގެންދިއުމަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ރިޔާސީ އިންތިހާބަށް ބައެއް ރަށްރަށުގައި ހިންގާ ކެމްޕެއިން ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް ބުނެ ފަތުރާ ވާހަކަ ދޮގުކޮށްފަ އެވެ.

"ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތައް ހަމަހަމަކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އަމާން މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުންނާއި ރިޔާސީ އިންތިހާބްގެ އެންމެހައި ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ބޭނުންކުރާ ދިދަ އާއި ޕޯސްޓަރާއި ބެނާ ފަދަ ތަކެތި ބޭނުންކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.