23 Aug 2018, 14:25
ކޮރަޕްޝަނާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އާޖެންޓީނާގެ ކުރީގެ ރައީސް ކްރިސްޓީނާ ފެނާންޑޭޒްގެ ގެދޮރު ބަލާ ފާސްކުރުމަށް އެ ގައުމުގެ ސެނެޓުން ރުހުން ދީފި އެވެ.
ކްރިސްޓީނާއަކީ މިހާރު ވެސް އެގައުމުގެ ސެނެޓުގެ މެމްބަރެކެވެ. ގެދޮރު ފާސްކުރުމަށް ރުހުން ހޯދުމަށް ސެނެޓުގައި ބޭއްވި ވޯޓުގައި ވެސް އެކަމަނާ ވަނީ އެއްކޮޅަށް ވޯޓުދެއްވައިފަ އެވެ.
ޕަބްލިކް ވާކް ކޮންޓްރެކްޓްތަކެއް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ކްރިސްޓީނާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އެ ހުރިހާ ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
އެ މައްސަލާގައި މިހާތަނަށް 15 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ބޮޑެތި ވިޔަފާރިވެރިންނާއި ކްރިސްޓީނާގެ ވެރިކަމުގެ ދުވަސްވަރު އެކަމަނާގެ ސަރުކާރުގައި މުހިންމު މަގާމުތައް ފުރުއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
އާޖެންޓީނާގެ ނޫހެއް ކަމަށްވާ ލާ ނޭސިއޯން އިން އެ މައްސަލަ ފަޅާއަރުވާލީ މިމަހު އެވެ. އެެ ނޫހުން ބުނީ ކްރިސްޓީނާގެ ވެރިކަމުގެ ދުވަސްވަރު ކޮންޓްރެކްޓްތައް އެކި ފަރާތްތަކަށް ހަވާލުކުރުމުން ބަދަލުގައި ލާރި ގޯނި ހިފައިގެން އެކަމަނާގެ ގޭގެއަށް ގެންދިޔަ ކަމަށެވެ. އަދ ބުނީ އެ ކޮރަޕްޝަނުގައި ޝާމިލްވާ ފަރާތެއްގެ ޑްރައިވަރު އެ ލާރި ގޯނި ހިފައިގެން ދިޔަ ތަންތަނުގެ މައުލޫމާތުތައް ނޯޓްފޮތެއްގައި ލިޔެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އާޖެންޓީނާގެ ކޯޓުގެ ފަނޑިޔާރު ވަނީ ސެންޓާ ކުރޫޒް ޕްރޮވިންސްގައި ހުންނަ ގެތަކާއި އަދި ވެރިރަށް ބުއެނޯސް އައިރެސްގައި ހުންނަ އެޕާޓްމަންޓެއް ބަލާ ފާސްކުރުމަށް އަމުރުކޮށްފަަ އެވެ.