ސްޕެނިޝް ލަލީގާގެ މެޗެއް އެމެރިކާގައި ބާއްވަން އެ ލީގުން ނިންމުމާ ގުޅިގެން އެ ލީގުގެ ޓީމުތަކުގެ ކުޅުންތެރިން ކަންބޮޑުވުން ފާޅު ކުރަން ފަަށައިފި އެވެ.

ހުކުރު ދުވަހު ލަލީގާއިން ވަނީ އެ ލީގުގެ މެޗެއް އެމެރިކާގައި ބާއްވާ ގޮތަށް، އެގައުމުގެ މީޑިއާ ކުންފުންޏެއް ކަމަށްވާ ރެލެވެންޓާ އެކު 15 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ލަލީގާގެ ނިންމުމާ ދެކޮޅަށް އެ ލީގުގެ ކުޅުންތެރިންގެ ޔުނިއަން އިން މިހާރު ވަނީ ތެދުވެފަ އެވެ. އެގޮތުން ލީގުގެ 20 ކްލަބުގެ ކެޕްޓަނުން ވަނީ ބުދަ ދުވަހު އެއް ތަނެއްގައި، ލަލީގާގެ ކުޅުންތެރިންގެ ޔޫނިއަން (އޭއެފްއީ)ގެ ރައީސް ޑޭވިޑް އަގަންޒޯއާ ބައްދަލު ކޮށްފަ އެވެ. އޭގެ ތެރޭގައި، ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަދި ބާސެލޯނާގެ ވައިސް ކެޕްޓަން ސޯޖިއޯ ބުސްކެޓްސް ހިމެނެ އެވެ.

އަގަންޒޯ ވިދާޅުވެފައި ވަނީ ހުރިހާ ކްލަބުތަކުގެ ކެޕްޓަނުން ވެސް އެ ނިންމުމާ ގުޅިގެން ރުޅިވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަން ލަލީގާގެ އިސް ފަރާތްތަކާ ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ ހައްލު ނުކޮށްފި ނަމަ ކުޅުންތެރިން ނުކުމެ އިހުތިޖާޖު ކުރަން ޖެހޭ ހިސާބަށް ވެސް ކަންތައްތައް ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަލީގާއިން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ ޔޫނިއަންގެ މެމްބަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށް އޭފްއީ އިން ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގައި ބާއްވަން ރާވާފައި ވަނީ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅޭ "އެލް ކްލެސިކޯ" މެޗެކެވެ.

ލަލީގާއިން އެމެރިކާގައި ބޮޑު މެޗެއް ބާއްވައި އެ ލީގުގެ ބެލުންތެރިންގެ އަދަދު ގިނަ ކުރަން މަސައްކަތް ކުރަމުންދާއިރު އެ ލީގުން ވަނީ ދާދި ފަހުން ދެކުނު އޭޝިއާގައި މެޗުތައް ދެއްކުމުގެ ރައިޓްސް ފޭސްބުކަށް ދީފަ އެވެ. އެއާ އެކު މެޗުތައް ހިލޭ ބެލުނު ނަމަވެސް މެޗުތައް ޓީވީއިން ނުފެނުމުން ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ލަލީގާއާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކުންފުނި ރެލެވެންޓް އަކީ ޕްރީސީޒަނުގައި އެމެރިކާގައި ބާއްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ބާއްވާ ކުންފުންޏެވެ.