20 Sep 2011, 13:08
ތަޖުރިބާ ދަތުރެއްގައި ކ. ހުރަށް ދިޔަ ހިރިޔާ ސްކޫލްގެ ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރަކާއި އެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމު ގެނބި، އަވަހާރަވުމަށް މެދުވެރިވީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި ދިރާސާ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހަވާލު ކުރި ހަތް މެންބަރުންގެ ޓީމުން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު މިނިސްޓަރަށް ރިޕޯޓް ހުށަހަޅައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ، މޯލްޑިވްސް ކްލެފިކޭޝަން އޮތޯރިޓީގެ ޗެއާމަން ޑރ. އަބްދުލް މުހުސިނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ފާތުމަތު އައްޒަ އާއި އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު ]އީޑީސީ[ގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ނާޝިޔާ މުހައްމަދާއި ސެންޓާ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު އުމަރާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމާއި ހިރިޔާ ސްކޫލްގެ ބޯޑް މެމްބަރު އަހުމަދު ޒާހިރު (ހިރިގާ) އާއި އެޑިޔުކޭޝަން މިނިސްޓްރީގެ އެޑިޔުކޭޝަނަލް ޑިވޮލަޕްމަންޓް އޮފިސާ އައިޝަތު ހަންނަ އެކުލަވާލި ރިޕޯޓް އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާ ހަވާލު ކުރީ އިއްޔެ ކަމަށެވެ.
ނަމަވެސް އެ ރިޕޯޓްގެ ކޮންޓެންޓާ ބެހޭ ގޮތުން ޑރ. ނަޒީރު އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ.
"ތަހްގީގު ރިޕޯޓް އިއްޔެ ފުރިހަމަ ކުރުމަށް ފަހު މިނިސްޓްރީ އަށް ވަނީ ލިބަފައި. މިނިސްޓަރު އެ ރިޕޯޓް ބެއްލެވިހާ އަވަހަކަށް މިއަދު ނުވަތަ މާދަމާ މީޑީއާ އަށް ހާމަކުރެވޭނެ،" ނަޒީރް ވިދާޅުވި އެވެ.
ހުރަޔަށް ފިޝަރީޒް ސައިންސް ފީލްޑް ދަތުރު ދިޔަ ހިރިޔާ ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރުންގެ ތެރެއިން އެ ހާދިސާގައި ގެނބިގެން ނިޔާވެފައި ވަނީ އެ ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރެއްވި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމްގެ އިތުރަށް، ނަސްއަތު ސައީދު ގދ. ދެއްވަދޫ މީނާޒް، މަރިޔަމް ނާޒާއި ހއ. ހޯރަފުށީ ސުވާސާގެ، އައިޝަތު ޝާނިހާ، ރ. ރަސްމާދު ހަނދުވަރީވިލާ، އަދި މަރިޔަމް ޝައިހާ މ. މޮއިޝާ އެވެ.
މި މަހުގެ 9 ވަނަ ދުވަހު ކ. ހުރާގައި އެ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އެހާދިސާ އޭގެ އެންމެ ފުންމިނަށް ބައްލަވާނެ ކަމަށް މިނިސްޓަރު ޝިފާ ވަނީ ވިދާޅުވެފަ އެވެ.