23 Aug 2018, 12:36
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ހދ. ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށު ބަނދަރު އިފްތިތާހު ކޮށްދެއްވައި، ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓްގައި ފްލައިޓްތައް ޖެއްސޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު މިކުރަނީ ސެޕްޓެމްބަރު 23ގައި ނަގާ ވޯޓު ކުރިއަށް އޮތް މަހެއްހާ ދުވަހުގައި ނަގާ ވޯޓުގައި، މާލޭގައި ތިއްބެވި ކުުޅުދުއްފުށީގެ ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގެން ވޯޓު ލައްވަންޏާ ވޯޓުލައްވާނީ ހަގީގަތުގައި ވެސް މަތިންދާބޯޓުން ވަޑައިގެން. އެވަރަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން އުއްމީދު މިކުރަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.