މަޝްހޫރު ސިޓްކޮމް "ދަ ބިގް ބޭންގް ތިއަރީ"ގެ 12 ވަނަ ސީޒަން މި ފެށޭ ސެޕްޓެމްބަރު މަހު އެއާކުރުމަށް ތައްޔާރުވަމުން ދާ އިރު، އެ ސީޒަނަށްފަހު ސީރީޒް ނިންމާލާނެކަން އިއުލާނުކޮށްފިއެވެ.

އެ ސީރީޒްގެ ޕްރޮޑިއުސަރުންނާއި ސީރީޒް ފޮނުވާ އެމެރިކާގެ ސީބީއެސްއިން ބަޔާނެއް މެދުވެރިކޮށް މިކަން ހާމަކުރަމުން، ވަނީ އެ ޝޯގެ ހުރިހާ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑުމެން މި އަމާޒުކުރަނީ މި ޝޯއަށް އުފެއްދުންތެރި، ހަނދާނުން ނުފިލާ ފަދަ ފައިނަލް ސީޒަނަކާއި ސީރީޒް ފިނާލޭއެއް ގެނެސްދިނުމަށް،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ދެހާސް ހަތްވަނަ އަހަރު ފެށި "ދަ ބިގް ބޭންގް ތިއަރީ" ބިނާވަނީ އެމެރިކާގެ ކެލިފޯނިއާގެ ދެ ސައިންސްވެރިންނާއި، އެމީހުންގެ އަވަށްޓެރި އަންހެންކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށެވެ.

މި ސީރީޒްގެ ތަރިންގެ ތެރޭގައި ހިމެނެނީ ލެނަޑް ހޮފްސްޓެޑާގެ ރޯލު ކުޅެދޭ ޖޮނީ ގެލެކީ، ޝެލްޑަން ކޫޕާގެ ރޯލުން ފެނިގެންދާ ޖިމް ޕާސަންސް، އަދި ޕެނީގެ ރޯލު ކުޅޭ ކެއިލީ ކުއަކޯއެވެ. މީގެ އިތުރުން މި ޝޯއިން ސައިމަން ހެލްބާގް، ކުނާލް ނަޔާރު، މެލިސާ ރޯޝް އަދި ޑރ. މަޔިމް ބިއަލިކްވެސް މި ޝޯގައި ފެނިގެން ދެއެވެ.

މި ޝޯއަށް ވަނީ ގިނަ ނޮމިނޭޝަންތަކަކާއި އެވޯޑުތަކެއްވެސް ލިބިފައެވެ. އެގޮތުން، ޝޯގެ ލީޑު އެކްޓަރ ޖިމް ޕާސަންސްއަށް ޕްރައިމްޓައިމް އެމީ އެވޯޑްސްގައި އައުޓްސްޓޭންޑިންގް ލީޑް އެކްޓަ އިން އަ ކޮމެޑީ ސީރީޒްގެ އެވޯޑު ހަތަރު ފަހަރެއްގެ މަތިން ލިބިފައިވެއެވެ.