ވިލާތުގެ އިއްތިހާދުން (އީޔޫ) އިން ރާއްޖެއަށް ފިޔަވަޅު އެޅުމަށް ޓަކައި ޖުލައި މަހު ފްރޭމްވޯކެއް އެކުލަވާލި އިރު، އެކަމާ ގުޅޭ އިތުރު ނިންމުމެއް އެ އިއްތިހާދުގެ ކައުންސިލުން މިހާތަނަށް ނިންމާފައި ނުވާކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ) އިން ރާއްޖޭގެ 41 މީހަކަށް ފިޔަވަޅު އެޅުމަށް ލިސްޓެއް ތައްޔާރުކޮށްގެން އުޅޭ ކަމަށް އެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ ވިދާޅުވި ކަމަށް ބުނާއިންޓަވިއުއެއް"އީޕީޓުޑޭ"ގައި ދާދި ފަހުން ވަނީ ޝާއިއުކޮށްފަ އެވެ.

"އީޕީޓުޑޭ"ގައި ޒެކޮވޯސްކީ ވިދާޅުވި ކަމަށް ބުނާ ވާހަކަތައް މިހާރު ވަނީ އެ ލިޔުމުން އުނިކޮށްފަ އެވެ.

މީޑިއާއާއި ސޯޝަލް މީޑިއާގައި ފެތުރުނު މި ވާހަކަތަކަށް ރައްދު ދެމުން، ވިލާތުގެ އިއްތިހާދުން ރާއްޖެ އަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ޑެލެގޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއަށް ފިޔަވަޅު އެޅުމާ ބެހޭ ފްރޭމްވޯކެއް ޖުލައި މަހު ފާސްކުރި ފަހުން، އެ މައްސަލާގައި އިތުރު ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ހާމަކުރި ގޮތުގައި، ރާއްޖޭގެ 41 ފަރާތަކަށް ފިޔަވަޅު އެޅުމާ ބެހޭ ލިސްޓެއް އޮތްކަމަށް ވިދާޅުވި އީޔޫ ޕާލަމެންޓު މެމްބަރު މަސް ޒެކޮވޯސްކީއާއި ވިލާތުގެ އިއްތިހާދުގެ އިތުރު ބޭފުޅުންތަކެއް ދާދި ފަހުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

އެ ބޭފުޅުންނަކީ ޒެކޮވޮސްކީގެ އިތުރުން އީޔޫ ޕާލަމެންޓު މެމްބަރުން މާރިއާ ގެބްރިއެލާ ޒޮއާނާއާއި ރިޝާޑް ޗަރްނެސްކީ، އަދި ޔޫރަޕިއަން އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ކުރީގެ ރައީސް ހެންރީ މަލޮސްއާއި އެ ކައުންސިލުގެ މެމްބަރު މަޑީ ޝަރްމާއެވެ.

އީޔޫ އިން ނެރުނު ބަޔާނުގައި ބުނީ، މި ބޭފުޅުން ރާއްޖެއަށް ޒިޔާރަތްކުރީ ރަސްމީ ހައިސިއްޔަތުން ނޫން ކަމަށާއި އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

"ޔޫރަޕިއަން ޔޫނިއަނުން މި ދަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން. އަދި ރިޔާސީ އިންތިހާބާ ހަމައަށް ކުރިއަށްދާ ކަންކަން ގާތުން ބަލައި، ވޯޓުލާ ރައްޔިތުންގެ އިތުބާރަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަން ފާހަގަކުރަމުން،" އީޔޫގެ ބަޔާނުގައިވެ އެވެ.