ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި "ސައުދީ އަރަމްކޯ"ގެ ހިއްސާ އާންމުންނަށް ވިއްކުމަށް ޓަކައި ކުރަމުން އައި މަސައްކަތްތައް މަޑުޖައްސާލައިފި އެވެ.

ދެހާސް ތިރީސް ވަނަ އަހަރަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ތަސައްވަރުގެ ދަށުން، ސައުދީ އަރަމްކޯގެ ހިއްސާ، އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)އެއް މެދުވެރިކޮށް ވިއްކަން އޮތީ ނިންމައިފަ އެވެ.

މިކަން ކުރުމަށް ޓަކައި މި އަހަރުގެ ތެރޭގައި ސައުދީ އަރަމްކޯ ވަނީ ޖޮއިންޓް ސްޓޮކް ކުންފުންޏަކަށްވެސް ބަދަލުކޮށްފަ އެވެ.

ނަމަވެސް ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ހިއްސާގެ ބާޒާރުގައި އަރަމްކޯ ލިސްޓުކުރުމުގެ ޕްލޭންތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

"އައިޕީއޯ ހުއްޓާލުމުގެ ނިންމުން ނިންމައިފި މީގެ ދުވަސްކޮޅެއް ކުރިން. އެކަމަކު އެއްވެސް ފަރާތަކުން އެކަން ހާމަކުރާކަށް ބޭނުމެއް ނުވޭ،" ރޮއިޓާސްއާ ވާހަކަދެއްކި މަސްދަރުން ހާމަކުރި އެވެ.

އޭނާ ބުނި ގޮތުގައި ހިއްސާގެ ބާޒާރުގައި އަރަމްކޯ ލިސްޓުކުރުމުގެ މަސައްކަތް ހުއްޓަލާފައި ވަނީ، ސައުދީ އަރަބިއްޔާގެ ޕެޓްރޯކެމިކަލްސް އުފައްދާ ކުންފުންޏެއް ސަރުކާރުން ގަތުމުގެ މަސައްކަތް ކުރުމަށެވެ.

ހިއްސާގެ ބާޒާރުގައި އަރަމްކޯ ލިސްޓުކުރުމުގެ މަސައްކަތް ހުއްޓާލިކަމުގެ ވާހަކަ ފެތުރުމާ އެކު، ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހު ބަޔާނެއް މެދުވެރިކޮށް ވިދާޅުވީ، އަރަމްކޯގެ އައިޕީއޯ އަދިވެސް އޮތީ ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ހިނގާނީ ސައުދީ ސަރުކާރަށް ފެންނަ އެންމެ ރަނގަޅު ވަގުތާއި ހާލަތުގައި ކަމަށެވެ.