23 Aug 2018, 00:46
ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ރަށުގައިވެސް ކުނިމެނޭޖުކުރަން ވެމްކޯއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުއްޓަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޅުދުއްފުށީގެ އާބާދީ ވަރަށް ބޮޑު ކަމަށާއި އެހެންކަމުން އެރަށުގެ ކުނީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.
"އަންދާޒީ ހިސާބެއް ދަންނަވާ ކަމަށްވަންޏާ ކުޅުދުއްފުށީގައި މިހާރުވެސް އެބަހުރި 400އާ 500 ޓަނާ ދޭތެރޭ ގާތް ކުރާ އަދަދެއް. މިއީ ވަރަށް ބޮޑުު އަދަދެއްގެ ކުނި. މިތާ ތިއްބެވި އެެއްވެސް ބޭފުޅަކަށް ދަތިނުވެ ހިނގައިދާނެ. އެކަމު މުޅި ރަށަށް ބަލައިފިކަމަށް ވަންޏާ މުޅި ރަށުގެ ވެށި ތަގައްޔަރުވެގެންދާވަރު ބަލާ ކަމަށްވަންޏާ މިއީ ހައްލުކުރަން ޖެހޭ މައްސަލައެއް." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ވެމްކޯ މެދުވެރިކޮށް މި އަހަރު ކުޅުދުއްފުށީގައި ކުނި މެނޭޖްކުރާގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި މާލޭގައި ނަގާ ގޮތަށް އަންނަ އަހަރު ވެމްކޯއިން ކުޅުދުއްފުށީގައި ކުނިނަގަން ފަށާނެކަމުގެ ޔަގީންކަންވެސް ރައީސް ޔާމީން ވަނީ ދެއްވައިފައެވެ.
މިހާރު ކުޅުދުއްފުށީގައި އޮތް ބޮޑު ކުނިގޮނޑު ނެގުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށާއި އަދި އެކުނިތައް ރ. ވަންދުއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.