20 Sep 2011, 12:38
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ސާބިތުވެފައިވާއިރު، އެ އެގޮނޑި ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ނިންމާނީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ނުވަތަ ޝަރުއީ އެންމެ ފަހު މަރުހަލާ ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އެ މައްސަލާގައި ގާނޫނީ ފުށުއެރުންތަކެއް އުޅޭތީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެ އަބްދުލްހަމީދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެ ސިޓީގައި އިސްތިއުނާފްކުރަން އޮންނަ މަރުހަލާގައި އޭނާއަށް އެފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށްވެސް އެކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.
" އެއްކޮޅުން މިއޮންނަނީ އެއްއަހަރު ދުވަހުގެ މުއްދަތެއްގެ ޖިނާއީ ހުކުމެއް މެންބަރެއްގެ މައްޗަށް ކޮށްފިނަމަ އެމެންބަރެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް. އަނެއް ކޮޅުން އަބްދުލް ހަމީދަށް އެބައޮވޭ އެހުކުމް އިސްތިއުނާފްކުރުމުގެ ފުރުސަތު، އެހެންވެ ކުރިން ކޮށްފައިވާ ހުކުމް ބާތިލްވެއްޖެނަމަ ވަރަށް ބޮޑު އޮޅުން ބޮޅުންގަނޑަކަށްވާނެ، އެހެންވެ އަޅުގަނޑުމެންނަށް އެބަޖެހޭ އެކަމުގައި ކުރިއަށްދާވީ ގޮތް ބަލަން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުގެ ހުކުމަށް ބަލާއިރުވެސް އެގޮނޑި ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އެކޮމިޝަނުން ގޮތެއް ނިންމާނީ ހުރިހާ ޝަރުއީ މަރުހަލާއެއް ނިމުމުން ކަމަށެވެ.
ފުއާދު ވިދާޅުވީ އެމައްސަލާގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެކޮމިޝަނުން އެދިފައި ވިނަމަވެސް އެލަފާ ލިބިވަޑައިގެންނަވާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށާއި މަޖިލީސް ޗުއްޗީއަށްފަހު އެމަސައްކަތް ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ކާށިދޫ ދާއިރާގެ ގޮނޑި ހުއްވެއްޖަކަން ކަނޑައަޅައި އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން ވަނީ އެމައްސަލާގައި އިދާރީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީސް ކަމަށް ބުނެެ އެމައްސަލަ ބޭރުކޮށްލައިފަ އެވެ.