23 Aug 2018, 00:05
އަންނަ މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓްގައި ފްލައިޓްތައް ޖެއްސޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުއްޓަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިރާދަކުރެއްވިއްޔާާ ދާދި އަވަހަށް އެއާޕޯޓްގެ މަސައްކަތް ނިމިގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު މިކުރަނީ ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓު ކުރިއަށް އޮތް މަހެއްހާ ދުވަހުގައި ނަގާ ވޯޓުގައި، މާލޭގައި ތިއްބެވި ކުުޅުދުއްފުށީގެ ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގެން ވޯޓު ލައްވަންޏާ ވޯޓުލައްވާނީ ހަގީގަތުގައިވެސް މަތިންދާބޯޓުން ވަޑައިގެން. އެވަރަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން އުއްމީދު މިކުރަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ކުޅުދުއްފުށީގައިި އެއާޕޯޓު އަޅަނީ ހަމައެކަނި މާލެ އާއި އެރަށް ވައިގެ ދަތުރުފަތުރުން ގުޅުވާލަން ނޫން ކަމަށާއި އެރަށް ތަރައްގީގެ މުހިންމު ސަރަހައްދަކަށް ހަދަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ މައި ސިނާއަތެއްގެ ގޮތުގައި މިއޮތީ ޓޫރިޒަމްގެ ސިނާއަތް. މި ސިނާއަތް އިތުރަށް ތަރައްގީނުވެގެން އުޅޭ އެއް ސަބަބަކީ ހަގީގަތުގައި އުތުރުގައި އެއާޕޯޓްތައް މަދުވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެއާޕޯޓާއެކު ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ޓޫރިސްޓު ރިސޯޓްތަކާއި ގެސްޓް ހައުސްތައްވެސް އުފެދި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަންވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީ އެއާޕޯޓު ހެދުމަށްޓަކައި އެރަށުގެ ފަޅުން ހަ ހެކްޓަރު، އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ އެމްޓީސީސީން، އެކުންފުނީގެ ޑްރެޖަރު "މަހާ ޖައްރާފުން"ނެވެ.
އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް އެމްޓީސީސީ އިން ނިންމަން ޖެހޭނީ 160 ދުވަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ އަގަކީ 53.9 މިލިއަން ރުފިޔާއެވެ.