ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަމުންގެންދާ އިންޑިއާގެ ނިމްސްއާއެކު ސޮއިކޮށްފައިވާ އެގްރިމެންޓް ބާތިލްކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުއްޓަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން ނިމްސްއާ ހަވާލުކުރީ ކިތަންމެ އިޚްލާސްތެރިކަމާއެކު ނަމަވެސް ނިމްސްގެ އެއްވެސް އިޚްލާސްތެރިކަމެއް ނުފެނުނު ކަމަށެވެ.

"އެ ހޮސްޕިޓަލަކީ ނަން މަޝްހޫރު ހޮސްޕިޓަލެއް. އެ މީހުން އެކަން ކުރަން ބޭނުމިއްޔާ އެކަން ކޮށްދެވޭނެ. ވޯޑުން ބައެއް ތަންތަން ތެޅި އެމްއާރުއައި މެޝިން ބަހައްޓަން. އަދި އެހެން ކަންތައްތައް ކުރަންވެސް ތަންތަން ތެޅި. އެހެންނަމަވެސް އާޚިރުގައި ނިމިގެން މިދިޔައީ ކިހިނެއްތޯ؟ އެމީހުން ދެކޮޅު ހަދާ މިކަން ހައްލުކުރަން އަޅުގަނޑުމެންނާ ވާހަކަދައްކަން ރާއްޖެ އަންނަންވެސް. މިއީ ހަގީގަތަކީ،" ރައިސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ އެގްރިމަންޓް ނިންމުމުގެ ވަގުތު މިހާރު އައިސްފައިވާ ކަމަށާއި އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަހަލަ ކަންތައްތަކުން ނަތީޖާ ނެެރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެެވެ.

"ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭނީ ދިވެހި ސަރުކާރުން. އެހެންވީމާ ދިވެހި ސަރުކާރުން މިކަން ކުރާނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޭނުންވާ ސްކޭނަރާއި އެމްއާރުއި މެޝިނާއި އަދި މާލޭގައި ހުރި ހުރިހާ ޑައިގްނޯސްޓިކް ފެސިލިޓީސްތައް އެ ހޮސްޕިޓަލުން ލިބޭނެގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ.

އެންމެ ފެންވަރު ރަނގަޅު ސްޕޯޓްސް ފިޒިއޮތޮރަޕީ ޑިޕާޓްމަންޓްތަކާއި އަދި ސްޕެޝަލިސްޓުންގެ ހިދުމަތް ލެބޭނެގޮތްވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ގާއިމްކުރައްވާނެ ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުޅުދުއްފުށީބ ހޮސްޕިޓަލް ހިންގުން ނިމްސްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ ހޮސްޕިޓަލްގެ ތަރައްގީއަށް އެ ކުންފުނިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް ބުނެ އެރަށު ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރި އިރު އެ ރަށު ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. ނަމަވެސް ނިމްސްއާ ހަވާލުކުރިފަހުން އެ ހޮސްޕިޓަލްގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ދައްވަމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ނިމްސްއާ އެކު 50 އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުން އުވާލުމަށް ނަޝީދު ވަނީ މީގެކުރިން ގޮވާލައްވައިފައެވެ.