ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ދިން ލޯން ސްކީމްގެ ދަށުންް ދިވެހި އަށް ޑޮކްޓަރަކު ނޭޕާލަށް ފުރައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ އަށް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ކިޔަވާނީ ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް (ނަމްސް) އިން ކަމަށެވެ. އެގޮތުން އެ އެކަޑަމީގައި ކޮންމެ ޑޮކްޓަރަކުވެސް އަށް ދާއިރާއަކުން ތަމްރީންވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީޝިއާ، ރޭޑިއޮލޮޖީ، ސައެކެޓްރީ، ޖެނަރަލް ސާޖަރީ އަދި އިންޓާނަލް މެޑިސިންގެ އިތުރުން ޖެނެރަލް ސާޖަރީ އޮބްސްޓެޓްރިކްސް، ގައިނަކޮލޮޖީ، ޕީޑިއެޓްރިކްސް އަދި އީއެންޓީ ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 45 ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ނޭޕާލަށް ފޮނުވަައިފައިވާ ކަމަށެވެ.

ސްޕެޝަލައިޒްވުމަށް ފުރި ޑޮކްޓަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހިމް ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ތެރޭ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ބިދޭސީންނަށް ބަރޯސާ ނުވެ ސިއްހީ ދާއިރާއިން ފަންނީ މީހުން ތަމްރީން ކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ.