22 Aug 2018, 19:49
ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި، ވޯޓުލައި ނިމުމާ އެކު އެ ވޯޓު ފޮއްޓެއް ހުރި މަރުކަޒަކުން ވަގުތީ ނަތީޖާ ވަގުތުން އިއުލާންކޮށް ނަތީޖާ ޝީޓް ފެންނަން ހުންނަގޮތަށް އެ މަރުކަޒެއްގައި ތަތްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުގެ ނަތީޖާ ފޮނުވުމަށް ޓެބްލެޓް ބޭނުންކޮށްގެން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވަނީ މިއަދު ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި ރައްޔިތުންނަށް އޮޅުންއަރާގޮތަށް އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ޓެބްލެޓް ބޭނުންކުރަނީ، މީގެ ކުރީގެ އިންތިހާބުތަކުގައި ބޭނުންކުރި ނެޓް ބުކުގެ ބަދަލުގައި ކަމަށެވެ.
"ވޯޓު ލައި ނިމުމާ އެކު ހަމަ އެ މަރުކަޒަކުން އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި ވޯޓު ގުނައި ނިންމައި އޮބްޒާވަރުންގެ ސޮޔާއެކު ނަތީޖާ ޝީޓް ވެސް ތަތްކުރާނެ. އެ ކަމަކާ ޓެބްލެޓާ އެއްވެސް ގުޅުމެއް ނޯންނާނެ،" އަކްރަމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ ދެ ފުށް ފެން ގޮތަށް ހުރިހާ ފަރާތްތަކަށް އޮބްޒާވް ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާނެ އިންތިހާބެއް ކަން އަކްރަމް ފާހަގަކުރެއްވި އެވެ. އަދި ނަތީޖާއާ މެދު އޮޅުވާލައި މަކަރު ހަދާނެ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ތަފާތު ވާހަކަތައް ފަތުރައިގެން އެއްވެސް ފަރާތަކުން އިންތިހާބަށް ނުފޫޒު ފޯރުވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.