ކުރިއަށް އޮތް ރިޔާސީ އިންތިހާބް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ. ގެ ދެ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމު ރާއްޖެއަށް އެކަށީގެންނުވާ ސަބަބުތައް ވިދާޅުވެ ދެއްވާފައެވެ.

"ގާނޫނު އަސާސީގައި މި އޮތީ ރިޔާސީ ވެރިކަމެއް. އެ ބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަން ބޮޑު ގޮތެއްގައި އެ ވިދާޅުވަނީ ތިމަންނަމެންނަށް ވެރިކަން ލިބިއްޖެނަމަ މިތަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެމޭ،" ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށާއި އެހެންކަމުން ބަރުލަމާނީ ނިޒާމެއް ގެންނަން އުޅުމަކީ ގާނޫނު އަސާސީގައި އޮތްގޮތާ މުޅިން ހިލާފު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި އިންތިހާބަށް ބޮޑެތި ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭނެ ކަމަށެވެ.

ހދ. ނޮޅިވަރަމްފަރަށް ރައީސް ޔާމީން ވަޑައިގަތް އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ބަރުލަމާނީ ނިޒާމެއްގައި އެންމެ ނުފޫޒުގަދަ މީހަކަށް ވާނީ ޕްރައިމް މިނިސްޓަރުކަން ފާހަގަކޮށް ރައީސް ވިދާޅުވީ އިދިކޮޅަށް ވެރިކަން ލިބެއްޖެނަމަ ބަރުލަމާނީ ވެރިކަމަކަށް ބަދަލުކޮށް ގައުމު ހުއްޓުމަކަށް އައުމުގެ ބިރު ބޮޑު ކަމަށެވެ.

"ދައުލަތެއް ނުހިންގޭނެ ދައުލަތުގެ އެންމެ އިސް އަމާނާތް ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދީ ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސްމީހާގެ މައްޗަށް ބަސް ކިޔާ އެތައް ބަޔަކު އޭނާގެ މައްޗަށް ބާރު ހިންގާ ތަފާތު އެތައް ވެރިންތަކެއް ތިބިނަމަ ރައްޔިތުން ބޭނުންވާ ގޮތަކަށް ދައުލަތެއް ހިންގައެއް ނުދެވޭނެ،" ރައީސް ވިދާޅުވިއެވެ.

"ސިޔާސީ އެތައް ބައިވަރު ލީޑަރުން ބުނާ ބަސް އަހައިގެން އޭނާ ވެރިކަން ކުރާ ކަމުގައި ވަންޏާ އޭނައަކަށް ވެރިކަމެއް ނުކުރެވޭނެ،"

އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ލިބުނު ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ދެން އޭނާ ޕްރައިމް މިނިސްޓަރެއްގެ ގޮތުގައި ބަހައްޓާނެކަމާއި މެދު ރައީސް ވަނީ ސުވާލު އުފައްދައި، އެ ސުވާލުގެ ޖަވާބު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީން މީގެ ކުރިން އާންމުކޮށްފައިވާ "ޖަޒީރާ މެނިފެސްޓޯ"ގައި، ރާއްޖޭގެ ވެރިކަން ހިންގުމުުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ބެހޭ ވާހަކަތައް ހިމަނާފައިވެއެވެ. އެހެން ނަމަވެސް އިދިކޮޅުން ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ކުރިމަތިލާތީ، މަސައްކަތްކުރާނީ އާ މެނިފެސްޓޯއަކާ އެކު ކަމަށް ކޯލިޝަނުން ބުނެއެވެ.

ސެޕްޓެމްބަރ 23 ގައި އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކޮށް ވެރިކަމަށް އައުމަށްފަހު، 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ފަރާތްތަކަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ވެރިކަން ބަދަލުވެގެން ދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކަށް މުހިންމު ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން އެއާޕޯޓާ މެދު އިދިކޮޅުން ކަންތައް ކުރާނެ ގޮތަކާއި ގިސާސް ހިފާނެތޯއާއި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭނެތޯ ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.