22 Aug 2018, 18:02
މި ސީޒަނުގައި ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ހޯދަން ބޭނުން ކަމަށާއި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ހޫނު މޫސުމުގެ ޓްރާންސާ ބާޒާރުގައި، ސްޕެއިންގެ ރެއާލް މެޑްރިޑުން ޔުވެންޓަސްއާ ރޮނާލްޑޯ ގުޅުނީ 100 މިލިއަން ޕައުންޑަށެވެ. އޭނާ ޔުވެންޓަސްއަށް ގުޅުމާ އެކު ޔުވެންޓަސް އިން ޗެމްޕިއަންސް ލީގު ހޯދަން ކުރާ މަސައްކަތަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފަ އެވެ.
ޗެމްޕިއަންސް ލީގު ހޯދުމާ ގުޅޭ ގޮތުން ރޮނާލްޑޯ މީޑިއަށް ބުނީ ޗެމްޕިއަނަސް ލީގު ހޯދަން މަސައްކަތް ކުރި ނަމަވެސް، މަސައްކަތް ކުރަމުން ދަނީ އެ މުބާރާތް އެކަނި ކާމިޔާބު ކުރުމަށް ނޫން ކަމަށެވެ. އެގޮތުން މިފަހަރު ސެރީ އާ އަދި ކޮޕާ އިޓާލިއާ ވެސް ހޯދަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ދާނީ ފިޔަވަަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން. މި އަހަރު ކާމިޔާބު ވާނެތޯ އަދި ފެންނާނެ. މި އަހަރު ވިޔަސް، ދެން އޮތް ދެ އަހަރު ވިޔަސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުން." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭނާ ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކުރީ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިރު އެވެ. ރެއާލްއާ އެކު ހަތަރު ފަހަރު އޭނާ އެ މުބާރާތް ކާމިޔާބު ކުރި ޖެހިޖެގެން ތިން އަހަރު އޭނާ މުބާރާތް ކާމިޔާބު ކުރި އެވެ.
ރޮނާލްޑޯ ރެއާލްއަށް ކުޅުނު އިރު ޗެމްޕިއަންސް ލީގު ފައިނަލުގައި އަދި ސެމީ ފައިނަލުތަކުގައި ވަނީ ޔުވެންޓަސް ކުޅަށް މޮޅު ގޯލުތަކެއް ޖަހައި އެ ޓީމު އެތައް ފަހަރެއްގެ މަތިން ބަލިކޮށްފަ އެވެ.