ހދ. ނޮޅިވަރަމްފަރުގައި ސަރުކާރުން އަޅައިދިން ބަނދަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ހދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ނޮޅިވަރަންފަރަށް ވަޑައިގަތް ވަނީ އެ ރަށުގައި އެމްޓީސީސީގެ ހަވާލުގައި އަޅައިދިން ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ހދ. ނޮޅިވަރަންފަރަށް ވަޑައިގަތް އެ ރަށުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ނޮޅިވަރަންފަރު ބަނދަރުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ވަނީ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމިފަ އެވެ.

ދައުލަތުގެ ބަޖެޓުން 44.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ ބަނދަރުގެ ދިގު މިނުގައި 700 މީޓަރު ހުރިއިރު ފުޅާމިނުގައި 250 ފޫޓު ހުރެއެވެ.

ނޮޅިވަރަންފަރުގެ ބަނދަރަކީ ސަރުކާރުން ޕްލޭން ކުރި ގޮތާއި މެދު ރައްޔިތުން ހިތްހަމަނުޖެހުމުގެ ސަބަބުން ފަހުން ބަދަލުތަކެއް ގެނެސް ރައްޔިތުން ބޭނުންވި ގޮތަށް ހަދާދީފައިވާ ބަނދަރެކެވެ.