ތެހެރާން (އޮގަސްޓް 22) : އީރާނުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ އަސްކަރީ އުފެއްދުންތެރި ކަމުގެ ގައުމީ ދުވަހުގެ މުނާސަބުގައި ތެހެރާންގައި ބޭއްވި އަސްކަރީ ސިނާއަތާ ބެހޭ މައުރަޒެއްގައި އީރާނުން އީޖާދު ކުރި ފައިޓް ޖެޓެއް ދައްކާލައިފި އެވެ.

އެ ފައިޓާ ޖެޓްގެ ކައިރިގައި ހުންނަވައިގެން އީރާނުގެ ރައީސް ރައީސް ހަސަން ރޫހާނީ ވިދާޅުވީ އަސްކަރީ ބާރާއި އައު ކްނޮލޮޖީ އީޖާދު ނުކުރެވޭ ގައުމަކަށް އަދުގެ ދުނިޔޭގައި ހައްގެއް ވެސް އަދި އިޙްތިރާމެއް ވެސް ނުލިބޭނެ ކަމަށާއި އީރާނުން އަސްކަރީ ސިނާއަތާއި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީކުރަން ބޮޑު ހޭދައެއް ކުރަނީ އެހެންވެގެންކަމުގަ އެވެ.

މިކަމަށް ޓަކައި އެމެރިކާއާއި އިސްރާއީލާއި ސަރަހައްދުގެ ވާދަވެރިން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރިނަމަވެސް އަސްކަރީ ޓެކްނޮލޮޖީ ތަރައްގީކޮށް ހަތިޔާރު އުފެއްދުމުގެ ކަންތައް އީރާނުން ވަރަށް ބާރަށް ކުރިޔަށް ގެންދާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ. އީރާނަކީ ދުނިޔޭގައި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީކޮށް އެކަމުގެ ރީސާޗްތައް އެންމެ ބޮޑަށްކުރާ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާން ވެސް ހިމެނެ އެވެ.

އީރާނުން އެކި ރޭންޖްތަކުގެ މިސައިލާއި ރޮކެޓް އުފައްދާ އިރު އޭގެތެރޭގައި 3000 ކިލޯ މީޓަރުގެ ރާސްތާގެ މިސައިލް ވެސް ހިމެނެ އެވެ. އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން އުފެއްދި އަސްކަރީ ފައިޓާ ޖެޓަކީ އަޑަށް ވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އަދި ޒަމާނީ އިލެކްޓްރޯނިކް ސިސްޓަމްތައް ހަރުކޮށްފައިވާ ޖެޓެކެވެ. މިކަމަށް ބޭނުންވާ ރީސާޗްތައް އީރާނުގެ އިންޖިނޭރުންނާއި ސައެންސްވެރިން ކުރަމުން ގެންދާތާ އަހަރުތަކެއް ވެފައިވެ އެވެ.

މިހާރު މިބާވަތުގެ މިލިޓަރީ ޖެޓްތައް އުފައްދާނެ ކާރުޚާނާތައް އީރާނުން ވަނީ އެގައުމުގައި ގާއިމްކޮށްފަ އެވެ. އަދި ވަރަށް އަވަހަށް މީގެ އެތައް ޖެޓެއް އުފައްދައި އީރާނުގެ ވައިގެ ސިފައިންގެ ޚިދްމަތަށް ނެރޭނެ ކަމަށް އީރާނުގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.

އީރާނުން އަމިއްލައަށް ހަތިޔާރު އުފެއްދަން ފެށީ 1980 އިން 1988 އަށް އިރާގުން އީރާ ނާދެކޮޅަށްކުރި ހަނގުރާމަ އިން ލިބުނު ހިތި ފިލާވަޅުތަކުގެ ނަތީޖާއިންނެވެ. އެއީ އަމިއްލަ ނަފްސަށް ބަރޯސާނުވެ ހަތިޔާރު ނުލިބޭނެ ކަމާއި ހަނގުރާމަ ވެސް ކާމިޔާބު ނުކުރެވޭނެ ކަމުގެ ފިލާވަޅެވެ.

ސައޫދީ އާއި ގަލްފުގެ އަރަބި އެހެންގައުމުތަކާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަށް އިރާގާ ގުޅިގެން ސައްދާމްގެ ވެރިކަމުގައި އިރާގުން އީރާނާދެކޮޅަށް ފެށި އެ ހަނގުރާމައިގާ އިރާގުން ވަނީ މިލިޔަނެއްހާ އީރާން މީހުން މަރާލައިފަ އެވެ. ނަމަވެސް އެންމެ ފަހުން އީރާނުން ހަނގުރާމަ ދިގުދަންމާލުމުން އިރާގަށް ހަނގުރާމަ ކާމިޔާބުނުވެ އިރާގަށް އެހީތެރިވި ގަލްފުގެ އަރަބި ގައުމުތަކާއި ސައްދާމް ހުސައިން ޖެހި ދުޝްމަނުންނަށްވެ އެކަންތައް އެންމެފަހުން ނިމުނީ ގަލްފުގެ އަރަބި ގައުމުތައް އެމެރިކާއާ ގުޅިގެން އިރާގާ ހަނގުރާމަކޮށް ސައްދާމްގެ ވެރިކަން ވެސް ވައްޓާލައި މުޅި އިރާގު ސުންނާފަތިކޮށް އީރާނަށް ތާއީދުކުރާ އިރާގުގެ ޝިޔައީންގެ އަތްދަށަށް އިރާގު ގޮސްގެންނެވެ.

މިހާރު އިރާގުގައި ވެރިކަންކުރަނީ ޝިޔައީންނެވެ. ރޫހާނީ ވިދާޅުވީ އަސްކަރީ ބާރުނެތް ބަޔަކަށް އެހެން ބަޔަކު ހަމްދަރުދީ ނުވާނެ ކަމުގަ އެވެ.

އެމެރިކާ ގެންދަނީ އީރާނުގެ ހަތިޔާރުގެ ހުރިހާ ޕްރޮގްރާމެއް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވަން މަސައްކަތްކުރާ ގޮތަށް ބަލިސްޓިކް މިސައިލް ޕްރޮގްރާމް ވެސް ހުއްޓުވުމަށާއި އެނޫން ހަތިޔާރުގެ ޓެކްނޮލޮޖީ ހުއްޓުވަން ވެސް އެމެރިކާ މަސައްކަތް ކުރެ އެވެ. މިކަމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އައު ފިޔަވަޅުތަކެއް އަނެއްކާ އަޅަން ފަށައިފަ އެވެ. ނަމަވެސް އީރާނުން ވަނީ ބަލިސްޓިކް މިސައިލް ޕްރޮގްރާމާއި އެނޫން ހަތިޔާރުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް ދެކޮޅު ހަދައިފަ އެވެ.

ރޫހާނީ ވިދާޅުވީ އީރާނުން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީކޮށް ހަތިޔާރު އުފެއްދުމުގެ ކަންތައް ކުރިޔަށް ގެންދާނެ ކަމަށާއި އެމެރިކާ އަށް ވެސް އަދި ގަލްފުގެ އަރަބިގައުމުތަކާއި އިސްރާއީލަށް ވެސް އެކަން ނުހުއްޓުވޭނެ ކަމުގަ އެވެ. އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާތާ 47 އަހަރުވެފައިވާ އިރު އީރާނުން ހަތިޔާރުގެ ޓެކްނޮލޮޖީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ބޮޑު ކާމިޔާބީ އެއްކަމަށް އަސްކަރީ ތަޖްރިބާކާރުން ފާހަގަ ކުރެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމުގައި ވެސް އީރާން ވަނީ އެމެރިކާ އާއި ގަލްފުގެ ގައުމުތަކާއި އިސްރާއީލު ކަންބޮޑުވާ މިންވަރަށް މެދުއިރުމައްޗަށް ބާރާއި ނުފޫޒު ފޯރުވައި އެގައުމުތައް ޖެހިލުންވާ ފަދަ ސަރަހައްދީ ބާރެއްގެ މަގާމު ހޯދައިފަ އެވެ. (ނޫސްއެޖެންސީތައް)