އެމްޑަބްލިއުއެސްސީ އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި މުހައްމަދު ރަޝީދު ރޭ އަވަހާރަވެއްޖެ އެވެ.

މުހައްމަދު ރަޝީދު ވަނީ 1996 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އެމްޑަބްލިޔުއެސްސީގައި ހިދުމަތްކޮށްދެއްވައިފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ކުންފުނި ކުންފުންޏެއް ގޮތުގައި ވުޖޫދަށް ގެނައުމަށް ބޭރުގެ ފަރާތްތަކާ އެކު މުއާމަލާތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅަކީ ވެސް މުހައްމަދު ރަޝީދު ކަމަށެވެ.

ކުރީގެ ރައީސް ވަހީދު، މުހައްމަދު ރަޝީދަށް އެވޯޑެއް އަރުވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

މުހައްމަދު ރަޝީދަކީ ސިވިލް އިންޖިނަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ވޯޓާ އެންޑް ސުވަރޭޖް ދާރާއިން ދިގު މުއްދަތެއްގައި ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އިރު މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭސަން އޮތޮރިޓީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ވެސް މުހައްމަދު ރަޝީދު އެވެ.

ދެހާސް ސާދަ ވަނަ އަހަރު ޑިސެމްބަރު މަހު އެމްޑަބްލިއުއެސްސީއަށް ކުރިމަތިވި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ކުންފުންޏަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން ކަނޑައެޅުއްވި ޓާސްކް ފޯސް ކޮމެޓީއާ އެކު ކުންފުނީގެ ފަރާތުން އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅަކީ ވެސް މުހައްމަދު ރަޝީދެވެ.

މުހައްމަދު ރަޝީދު--

މުހައްމަދު ރަޝީދު އެމްޑަބްލިޔުއެސްސީގައި އަދާކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ ޓެކްނިކަލް މެނޭޖަރުގެ މަގާމާއި، މާކެޓިން މެނޭޖަރުގެ މަގާމާއި، އިންޖިނަރިން މެނޭޖަރުގެ މަގާމުގެ އިތުރުން އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މުހައްމަދު ރަޝީދަކީ މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި އަދި ގިނަ މުވައްޒަފުންގެ "މެންޓޯ"އެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.