ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޕީއެސްއެމް ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު އެމްޑީޕީއާއި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ގަބޫލުކުރައްވައިފިއެވެ.

މީގެ ކުރިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ބަހުސްގެ ދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މިއަދު ވަނީ، އިބޫ ބަހުސްގައި ބައިވެރިވުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރެއްވިކަން ހާމަކޮށްފައެވެ.

ރިޔާސީ ބަހުސް ބޭއްވުމަށް މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީއެސްއެމް އާއި އެމްއެންޔޫ އިން ވަނީ ސޮއިކޮށްފަ އެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018"ގައި ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ހާއްސަ ބަހުސްއަކާއި ރަނިންގް މޭޓުންނަށް ހާއްސަ ބަހުސެއެއްވެސް އޮންނާނެ ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، މިފަހަރުގެ ބަހުސްއަކީ އިލްމީ އަދި ހުރިހާ ގޮތަކުން ވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށް ޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެެންޑިޑޭޓުންނާއި ގުޅުންހުރި ކަންކަމުގައި މުއާމަލާތު ކުރުމުގެ އިތުރުން ބަހުސް ހުށައަޅާދޭނެ ފަރާތެއް ވެސް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސީޓިން އިން ކަމަށެވެ.

މީގެ ކުރިން އެ ބަހުސް ބާއްވަމުން އައީ ދައުލަތުގެ މީޑިއާއިންނެވެ.