ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިންކޮށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމްޑީޕީ އަދި އިދިކޮޅި ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނ އަދި ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ހަތަރު ދުވަހުގެ އެ ދަތުރުގައި އިބޫ އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. މަނަދޫއަށެވެ. މަނަދޫގެ އިތުރުން އިބޫ އެ އަތޮޅު މަގޫދޫ އާއި ޅޮހީގެ އިތުރުން މިލަދޫއަށް ވަޑައިގަންނަވާނެ އެވެ. އަދި މިލަދޫގައި މިރޭ އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށްފަހު ދެން އިބޫ ވަޑައިގަންނަވާނީ ރ. އަތޮޅަށެވެ. އެ އަތޮޅުން އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުޅުދުއްފާރު، އަނގޮޅިތީމު، ރަސްގަތީމު، ވާދޫ، އަލިފުށި، އިނގުރައިދޫ، ފައިނު، ކިނޮޅަސް، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ އަދި މަޑުއްވަރީގެ އިތުރުން މީދޫ އަށެވެ.

އިބޫގެ ދަތުރުފުޅު ނިންމާލުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދާއިރު އިބޫ ވަނީ މިހާތަނަށް ހދ. އަތޮޅުގެ ހުރިހާ ރަށަކާއި ބ. އަތޮޅާއި ލ. އަތޮޅާއި ތ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންފަ އެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ވެސް އިބޫ ވަނީ ވަޑައިގެންފައިވެ އެވެ.