އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި ހަރަކާތްތެރިވި، ޓްރަމްޕްގެ ވަރަށް އަރިސް ދެ ބޭފުޅެއްގެ މައްޗަށް ޓެކުހަށް މަކަރުހެދުމާއި ބޭންކުތަކަށް އޮޅުވާލުން ފަދަ މާލީ ގިނަ ދައުވާތަކެއް ސާބިތުވެއްޖެއެވެ.

ދައުވާތައް ސާބިތުވީ ޓްރަމްޕްގެ ކެމްޕޭން ޗެއާމަނުގެ ގޮތުގައި ހަރަކާތްތެރިވި ޕޯލް މެނަފޯޓާއި، ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޮހެންގެ މައްޗަށެވެ. މީގެ ތެރެއިން ކޮހެންގެ ދައުވާތައް ސާބިތުވީ އޭނާ ކޯޓުގައި އެކަންކަމަށް އަމިއްލައަށް އިއުތިރާފުވުމުންނެވެ.

ވާޖިނިއާގައި ހުންނަ އެމެރިކާގެ ފެޑެރަލް ކޯޓުގެ 12 މެމްބަރުންގެ ޖޫރީއިން ނިންމާފައިވަނީ، މެނަފޯޓުގެ މައްޗަށް ބޭންކް ފްރޯޑުގެ ދެ ދައުވާ، ޓެކުހަށް މަކަރުހެދުމުގެ ފަސް ދައުވާ އަދި ބޭރުގެ ބޭންކްތަކުގެ އެކައުންޓްތަކުގެ ހިސާބުތައް ހާމަނުކުރުމުގެ އެއް ދައުވާ ސާބިތުވާ ކަމަށެވެ.

މެނަފޯޓުގެ މައްޗަށް ޓެކުހަށް މަކަރުހެދުމުގެ ދައުވާ ސާބިތުވީ، ޔޫކްރެއިނުގައި އުޅޭ ރަޝިއާއަށް ތާއީދުކުރާ ސިޔާސީ ބައެއްގެ ފަރާތުން 16 މިލިޔަން ޑޮލަރު ލިބުނުކަން، ޓެކްސް އިދާރާތަކަށް ސިއްރުކޮށްގެން އުޅުނު ކަމަށެވެ.

މެނަފޯޓުގެ އިތުރުން ޓްރަމްޕްގެ ކުރީގެ ވަކީލު ވަނީ މައިކަލް ކޮހެން އިއްޔެ ވަނީ، ޓްރަމްޕްގެ އިރުޝާދުގެ ދަށުން އޭނާ ކުށެއް ކޮށްފައިވާކަން ކޯޓުގައި އިއުތިރާފުވެފައެވެ.

ކޮހެން ކޯޓުގައި އިއުތިރާފުވީ، 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު، ޓްރަމްޕް ވިދާޅުވެގެން ދެ މީހަކަށް ގިނަ އަދަދެއްގެ ފައިސާ ދިންކަމަށެވެ.

މެންހެޓަންގައި ހުރި ފެޑެރަލް ކޯޓެއްގައި ކޮހެން ވަނީ ޓެކުހަށް މަކަރުހެދުމާއި، ބޭންކް ފްރޯޑާއި ކެމްޕޭނަށް ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފުވިކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ. މި ކަންތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަސް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮހެންގެ ވަކީލު ލެނީ ޑޭވިސް ބުނި ގޮތުގައި، ޓްރަމްޕްގެ އެންގުމަށް ކޮހެން ކުށެއް ކުރައްވައިގެން އަދަބު ލިބިވަޑައިގަންނަވަން ޖެހޭ ނަމަ، ޓްރަމްޕްގެ މައްޗަށްވެސް އެ ކުށްތައް ސާބިތުވާނެ ކަމަށެވެ.

މެނަފޯޓާއި ކޮހެންގެ މައްސަލައިގައި ޓްރަމްޕް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްގެ މިހާރުގެ ގާނޫނީ ވަކީލު ރޫޑީ ޖޫލިއާނީ ވަނީ، ކޮހެން ކޯޓުގައި ހެއްދެވީ ދޮގު ކަމަށް ބުނެ، އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.