ކައުންސިލަރުންނަށް ފޯން އެލަވަންސްގެ ގޮތުގައި މަހަކު 800ރ. ދިނުމަށް މިދިޔަ މަހު ކައުންސިލްތަކަށް އަންގާފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހުށަހަޅާފައިވާ ގޮތާ ހިލާފަށް ކަމަށްވާތީ ކައުންސިލަރުންނަށް ފޯން އެލަވަންސް ދިނުން ހުއްޓައިލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓާ އަހުމަދު އިނާޒް ސޮއިކުރައްވައި މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ކައުންސިލަރުންގެ އެލަވެންސްގެ ގޮތުގައި ހިމެނެނީ ލިވިން އެލަވަންސާއި ސިޓީ ކައުންސިލްގެ މޭޔަރުންނަށް ދޭ ކާރުކޮޅާއި މެޑިކަން އިންޝުއަރެންސް އެކަނި ކަމަށެވެ. އަދި ކައުންސިލަރުންގެ އިނާޔަތްތަކުގެ ތެރޭގައި ފޯން އެލަވަންސް ހިމެނިފައި ނުވާތީ މިދިޔަ މަހު 18ގައި ކައުންސިލަރުންނަށް ފޯން ދިނުމަށް މިނިސްޓްރީން ކައުންސިލްތަކަށް އެންގިފައި ވަނީ މަޖިލީހުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށެވެ.
"...މި މިނިސްޓްރީގެ ސާކިއުލާ އިން އޮގަސްޓް 18، 2011 ގައި ކައުންސިލްތަކުގެ މެންބަރުންނަށް 800ރ. ފޯން އެލަވަންސް ދިނުމަށް ބަޔާންކޮށްފައި އޮތް އޮތުން އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތާ ހިލާފު ކަމެއް ކަމުން، ކައުންސިލްތަކުގެ މެންބަރުންނަށް ފޯނު އެލަވަންސް ދިނުން ހުއްޓާލުމަށް ދަންނަވައި، ހުރިހާ ކައުންސިލްތަކުން ވެސް މިގޮތުގެ މަތިން އަމަލުކުރެއްވުމަށް ދަންނަވަމެވެ،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.