ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ކަރަން ޖޯހަރް ހޯސްޓް ކުރާ "ކޮފީ ވިތު ކަރަން"އަކީ އިންޑިއާގެ ސެލެބްރެޓީންގެ އިންޓަވިއުތައް އެންމެ ހޫނުކޮށް ގެނެސްދޭ ޝޯއެކެވެ. މިހާތަނަށް ކާމިޔާބު ފަސް ސީޒަން ނިންމާލައިފިއެވެ.

ކުރިޔަށް އޮތީ "ކޮފީ ވިތު ކަރަން" ގެ ހަވަނަ ސީޒަންގެ އެޕިސޯޑުތަކެވެ. އެ ސީޒަން ފަށާނެ އިރެއްގެ އިންތިޒާރުގައި ތިއްބާ ކަރަން މިވަނީ ހަވަނަ ސީޒަންގެ ފުރަތަަމަ އެޕިސޯޑު ދައްކާނެ ދުވަސް އިއުލާންކޮށްފައެވެ.

ކަރަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ކޮފީ ވިތު ކަރަން" ދައްކަން ފަށާނީ އޮކްޓޯބަރަ މަހުގެ 21 އިން ފެށިގެން ކަމަށެވެ. އެ ޝޯ ދެއްކުމަށް ހަމަޖެހިފައި އޮތީ ސްޓާވޯލްޑް އިންޑިއާއިންނެވެ.

ހަވަނަ ސީޒަންގެ އެޕިސޯޑުތައް ޝޫޓްކުރަމުން އަންނަ އެ ޝޯއަށް މިހާރުވެސް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިފަހަރުގެ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ގެސްޓަކަށް ވާނީ ދާދި ފަހުން ރަސްމީކޮށް އެންގޭޖްވި ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސްއެވެ.

"ކޮފީ ވިތު ކަރަން" ގިނަ ބަޔަކަށް ކަމުދާ ސަބަބަކީ ތަރިންގެ ޒާތީ ކަންކަމުގެ ވާހަކަ ދައްކައި ކޮނެގެން ނަމަވެސް ކަރަން އެތަރިންގެ ފަރާތުން ވާހަކަތައް ހޯދާތީއެވެ.