22 Aug 2018, 09:56
މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކުޅުމުގެ ފޯމާ ބެހޭގޮތުން އެ ޓީމުގެ ކުރީގެ ތަރި ޕައުލް ސްކޯލްސް ދެއްކި ވާހަކަތަކަށް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ރައްދުދީފިއެވެ.
ޕްރިމިއަރ ލީގުގައި ހަޑާސްފީލްޑް އަތުން 3-2 އިން މެންޗެސްޓަރ ޔުނައިޑެޓް ބަލިވި މެޗުގައި އެޓީމުގެ ކެޕްޓަން ޕޮގްބާ، 25ގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެއް ކަމަށާއި ލީޑަރޝިޕް ދެއްކިފައި ނުވާކަމަށް ބުނެ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ސްކޯލްސް ވަނީ، ވަރަށް ބޮޑަށް ޕޮގްބާއަށް ފާޑުކިޔައިފައެވެ.
ޕޮގްބާގެ އޭޖެންޓް ރައިއޯލާ ބުނީ، ޕައުލް ސްކޯލްސް ކުރިމަތީގައި ސަރ ވިންސްޓަން ޗާޗިލް ހުރިނަމަވެސް އޭނާއަށް ލީޑަރެއް ވަކިކުރަން ނޭނގޭނޭ ކަަމަށެވެ.
މިހާރު ޕަންޑިޓެއްގެ ގޮތުގައި މަސައްކަތްކުރާ ސްކޯލްސް ވަނީ، ހަޑާސްފީލްޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ފްރާންސްގެ ވޯލްޑް ކަޕް ވިނަރ ޕޮގްބާއަށް، މިޑްފީލްޑަރެއްގެ ރޯލް ފުރިހަމައަށް އަދާކުރެވިފައި ނުވާކަމަށް ބުނެފައެވެ. އެގޮތުން ޓީމުގެ ކުރިއަށް ކުޅެންތިބި އެންތަނީ މާޝިއަލްއާއި ރޮމެލޫ ލުކާކޫއަށް ބޭނުންވާ ވަރަށް ޕޮގްބާގެ ފަރާތުން އެހީތެރިކަން ނުލިބޭ ކަމަށްވެސް ސްކޯލްސް ބުންޏެވެ.
"މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރެއްގެ ގޮތުން ކުރާން ޖެހޭ މަސައްކަތަކީ، އިދިކޮޅުޓީމުގެ ގޯލަށް ނުރައްކާކުރެވޭފަދަ ޓީމުގެ ހުރި އެންމެ މުހިއްމު ކުޅުންތެރީންނަށް ބޯޅަ ފޯރުކޮށްދިނުން،" 1997-2004 އާ ހަމައަށް އިންގްލޭންޑަށް 66 މެޗު ކުޅެދިން ސްކޯލްސް ބުންޏެވެ.
ސްކޯލްސް ބުނީ، ޔުނައިޓެޑްގައި ލީޑަރުން މަދު ކަމަށާއި، އެހެންކަމުން ކެޕްޓަނެއްގެ ގޮތުގައި ޕޮގްބާ ނަގާފައި ވަނީ އެ ލީޑަރޝިޕް ދެއްކުމަށް ކަމަށެެވެ. ނަމަވެސް އެ މެޗުގައި ޕޮގްބާގެ ފަރާތުން އެކަން ފެނިގެން ނުދިޔަ ކަމަށެވެ.
ބްރައިޓަން މެޗަށް ފަހު ޕޮގްބާވެސް ވަނީ، އެމެޗުގައި އޭނާއަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ވުރެ ބޮޑަށް އިސްކަން ދެވުނީ އަމިއްލަ ނަފުސަށް ކަމަށް ބުނެ އަމިއްލައަށް ފާޑުކިޔައިފައެވެ.
ޕޮގްބާ ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ، ޔުވެންޓަސްއިން، 89 މިލިއަން ޕައުންޑުގެ ފީއަކަށް 2016 ވަނަ އަހަރުއެވެ. އޭރު އެއީ ދުނިޔޭގެ ރެކޯޑު ފީއެކެވެ.
މިއަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނޭ ޕޮގްބާ ގެންދަން، މިދިޔަ ޓްރާންސްފަރގައި ބާސެލޯނާއާއި ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.