ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ 41 މީހަކަށް ފިޔަވަޅު އެޅުމަށް ލިސްޓެއް ތައްޔާރުކޮށްގެން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށާއި އެ ވާހަކަ ދައްކަމުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ފިޔަވަޅުއަޅަން ފްރޭމްވޯކް އެކުލަވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ފްރޭމްވޯކްގައި މިހާތަނަށް އެއްވެސް މީހެއްގެ ނަމެއް ހިމަނާފައެއް ނުވެ އެވެ. އަދި އެ ނިންމުމުގައި ބުނެފައިވަނީ މިހާރުގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ނުވަތަ މިހާރުގެ ހާލަތަށް ބަދަލު ނައިސްފި ނަމަ ފިޔަވަޅު އަޅާނެ މީހުން ކަނޑައަޅާނެ ކަމަށެވެ.

ވަކިވަކި މީހުންނަށް ފިޔަވަޅު އަޅާއިރު ގާނޫނީ ނިޒާމު ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތި ކުރުވާ ފަރާތްތަކާއި ސިޔާސީ ހައްލުތައް ރާއްޖެއަށް ހޯދުމަށް ހުރަސް އަޅާ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މައްސަލާގައި އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެ ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ "އީޕީޓުޑޭ" އަށް ދެއްވިއިންޓަވިއުއެއްގައިވިދާޅުވެފައިވަނީ ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލާފައި ކަމަށާއި އޭގައި 41 މީހުންގެ ނަން އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ބައެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން 'ސަން' އިން ސުވާލު ދެންނެވުމުން އޯލް ޕާޓީ ޓޯކްސްގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ޝައިނީ ވިދާޅުވީ އީޔޫ އިން ރާއްޖޭގެ އެއްވެސް ފަރުދަކަށް ފިޔަވަޅު އަޅަން ނޫޅޭ ކަމަށާއި ފްރޭމްވޯކްގައި ވެސް އެއްވެސް މީހެއްގެ ނަމެއް ހިމަނާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ޔަގީންކަން އެބައޮތް އެއަކަށް ނަމެއް ނުލެވޭނެ ކަމަށް. އެއީ ހަމަ ވޯޓަކާއި ދިމާކޮށްފައި ވަރަށް ބޮޑަށް ވޯޓަށް އިންފްލްއެންޒް ކުރުމަށްޓަކައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އިންފްލުއެންޒް ކުރުމަށް އޮޕޮޒިޝަނުން އީޔޫގެ ޕާލަމެންޓޭރިއަނުން ބޭނުންކޮށްގެން ކުރަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް،" ޝައިނީ ވިދާޅުވިއެވެ.

"ދިވެހީންނަށް ބިރު ދެއްކުމާއި އިންތިހާބަށް ނުފޫޒު ފޯރުވަނީ. އެހެން އެއްވެސް ކަމެއް ނޫން އެކުރަނީ. މިހާރު އެ އުޅެނީ އިންތިހާބަށް ނުފޫޒު ފޯރުވަން. ދެ ފަރާތުން ކެމްޕެއިން ކުރަމުންދާއިރު ކޮންބައަޔަކަށްކަން ތާއީދު އޮތީ އެބަ އެނގޭ. އެހެންވީމަ އެ ސަޕޯޓު ނެތްކަން އެނގޭތީ ކުރިއަށް ފްރީއެއް ނޫނޭ ފެއާއެއް ނޫނޭ ކިޔާފަ މި އެއްޗިހިތަކެއް ނެރެނީ ފަހުން އެގޮތަށް ބްލޭމް ކުރަން ވެގެން،" ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ މީޑިއާތަކެއް ކޮންޓްރޯލް ކުރަމުން ދަނީ ސަރުކާރުންކަމަށް އެ އާޓިކަލްގައި ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ، ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކުރަނީ ސަރުކާރުންނޭ ބުނުމުގެ އެއްވެސް ޖާގައެއް ނެތް ކަން ހުރިހާ ރައްޔިތުންހެން ގަބޫލުކުރާނެ ކަމަށެވެ.

"ފިޔަވަޅެއް އެޅުމަށްޓަކައި ލިސްޓަކަށް ނަމެއް ލެވޭނީ ޔޫރަޕްގެ 28 ގައުމުން އެއްބަސްވެގެން ހުރިހާ ގައުމަކުން އެއްބަސް ވިއްޔާ ނޫނިއްޔާ ނޫނިއްޔާ އެ ލިސްޓަކަށް ނަމެއް ނުލެވޭނެ،" ޝައިނީ ވިދާޅުވިއެވެ.

ރާއްޖެއާ މެދު ފިޔަވަޅު އަޅަނީއޭ ބުނެ އިދިކޮޅު ފަރާތްތަކުން އަޑުފަތުރަމުން ދަނީ ރާއްޖޭގެ އިގްތިސޯދު ހަލާކު ކޮށްލުމަށް ކަމަށް ޝައިނީ ވަނީ ތުހުމަތު ކޮށްފައެވެ.