21 Aug 2018, 21:42
އިސްލާމީ ރިވެތި އުސޫލުތައް އުނގަންނައިދިނުމަށް އެހީވުމުގެ ގޮތުން "މުސްލިމް ކިޑްސް ޓީވީ" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އުރީދޫއިން ތައާރަފްކޮށްފިއެވެ.
ކެނެޑާގެ ކުންފުންޏަކުން ހިންގާ ”މުސްލިމް ކިޑްސް ޓީވީ“ އަކީ ކުޑަކުދިންނަށް ހާއްސަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.
އުރީދޫއިން ބުނީ މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާއި ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން ކީރިތި ޤުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤުރުއާން ރިސައިޓޭޝަން ބަޑީގެ ހިދުމަތާއި އެތަށް ސަތޭކަ އިސްލާމީ ވީޑިއޯ ތަކާއި އެނިމޭޝަންތަކުގެ އިތުރުން ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭނެކަމަށް އުރީދޫއިން ބުންޏެވެ.
އޭގެ އިތުުރުން ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތަކާއި އެކި ޤައުމުތަކުގެ ކުދިންނާއި ހިއްސާ ކޮށްލެވޭ ކްރިއޭޓް އެންޑް ޝެއާ ޕްލެޓްފޯމްއާއި އަދި ކުލަޖައްސާ ޕޭޖުތަކާއި އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވަރކްޝީޓްތައްވެސް މުސްލިމް ކިޑްސް ޓީވީން ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މުސްލިމް ކިޑްސް ޓީވީއަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްްްއަޤްވާމީ އެޑިއުކޭޝަނަލް ރިސޯސް އެއް ކަމަށެވެ.
" އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންތެރި އަދި އާންމު ދިރިއުޅުމުގައި ފައިދާކުރާނެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް، އުރީދޫ އިން ވަރަށް ބޮޑު އަޙަމިއްޔަތުކަމެއްދޭ. މިގޮތުން، މިއަދު ދިވެހީންނާއި ހަމައަށް މިގެނެސްދެނީ ވަރަށް ޚާއްސަ، އަދި އަޅުގަނޑުމެންގެ ހިތްތަކާއި ނުހަނު ގާތް ޚިދުމަތެއް. އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްލެޓްފޯމަކީ ބޭނުންތެރި އަދި އިސްލާމީ އުސޫލުތައް އުނގެނުުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ޚިދުމަތަކަށްވުން،" ނަޖީބް ޚާން ވިދާޅުވިއެވެ.