ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު އެއް ބޭންޑަކީ ޑިޓިއުން ބޭންޑްކަން ޔަގީނެވެ. ރިސޯޓުތަކުގެ އިތުރުން ބޮޑެތި ހަފްލާތަކާއި އީދު ޝޯތަކުގައި ފޯރި ގަދަކޮށްލަން އެވަރެއް ނެތެވެ.

ޑިޓިއުން ބޭންޑުން ލަންޑަނަށް ދަނީ ލަންޑަންގައި ދިރިއުޅޭ މަހުޖަނެއްގެ ކައިވެނީގެ ހަފްލާގައި މުނިފޫހިފިލުވާދޭށެވެ. ބޭންޑުގެ ހުށަހެޅުންތައް އޮންނާނީ ލަންޑަންގެ ރޫޓަމް ޕާކުގައެވެ.

މި ހަފްލާގައި ޕާފޯމްކުރުމަށް ޑިޓިއުން ބޭންޑު މާދަމާ ހެނދުނު ލަންޑަނަށް ފުރާނެއެވެ. ނަމަވެސް މި ކައިވެނި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

ލަންޑަންގައި ހުންނަ ރޫޓަމް ޕާކް...

ޑިޓިއުން ބޭންޑުން ބުނި ގޮތުގައި، ލަންޑަނުގެ މި މީހާއާ އެ ބޭންޑާ ދިމާވީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އޭނާގެ ކައިވެނި ހަފްލާގެ ފަޅުފިލުފައިދިނުމަށް އެދި މީގެ އަހަރެއްހާ ދުވަސް ކުރިން ޑިޓިއުން ބޭންޑު ވަނީ ބުކްވެސް ކޮށްފައެވެ. ލަންޑަން ފަދަ ސިޓީ އެއްގައި ބޭންޑުގެ ޕާފޯމްކޮށްލަން ވެގެންދާނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު އެކްސްޕޯޝާ އަކަށެވެ.

މީގެ ކުރިން ދެ އަހަރެއްގެ މަތިން ބޭންޑް ވަނީ އައިޓީބީ ފެއާގައި ވެސް ރާއްޖެ ތަމްސީލު ކޮށްދީފައެވެ.

އަންހެން އެންމެ ލަވަކިޔުންތެރިއެއް ހިމެނޭ އެ ބޭންޑަކީ އަބަދުވެސް ތަފާތު "ސްޓައިލް"ގެ ލަވަތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭ ބޭންޑެކެވެ.

އިވެންޓެއްގެ ތެރެއިން ޑިޓިއުން ބޭންޑު...

"ނަށާލާ އަދި "ހީލާ ހަދާލަން" ފަދަ ލަވަތައް ގެނެސްދީފައިވާ ބޭންޑުން ދާދި ފަހުން ގެނެސްދީފައިވަނީ "ވަން ޑައުން" ކިޔާ އަލްބަމެކެވެ. އިތުރު އަލްބަމެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން ޑިޓިއުން ބޭންޑުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އަންނަ ނޮވެމްބަރު މަހު ވަރުގަދަ ޝޯއެއް ބޭވުމަށް ދަނީ ފޯރީގައި މަސައްކަތް ކުރަމުންނެވެ.