އަޟްހާ އީދުގެ މުނާސަބަތުގައި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ އަހުމަދުޒާއީ ދުވަހުގެ ތަހުނިޔާގެ ހިތާބެއް ދެއްވަނިކޮށް އެގައުމުގެ ރިޔާސީ ގަނޑުވަރުު ކައިރިއަށް ތަލިބާނުން ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އަޝްރަފް ގަނީ ލައިވްކޮށް ވާހަކަދައްކަވަމުން ދިޔަ ވަގުތު ރޮކެޓްގެ އަޑު ވަރަށް ރީއްޗަށް އިވެއެވެ. އެ ވަގުތު އެމަނިކުފާނު ދެއްވަމުން ގެންދެވި އީދު މެސެޖް މެދުކަނޑާލައްވައި ވިދާޅުވީ ތަލިބާނުންގެ އެ ހަމަލާއަށް ނުސިހޭނެ ކަަމަށެވެ.

އެ ހާދިސާއާ ގުޅިގެން ރައްދުގައި އެ ރޮކެޓް ހަމަލާ ދެމުންދިޔަ ގެއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް އަފްގާނިސްތާނުގެ ސިފައިން ވަނީ ދީފައެވެ. އެ ހަމަލާގައި އެ ގެ ވަނީ ސުންނާފަތި ކޮށްލައިފައެވެ.

އެ ހަމަލާގައި ފުރަތަމަ ރޮކެޓް އަމާޒުވެފައިވަނީ ރައީސްގެ ގަނޑުވަރު ކައިރީގައި ހުންނަ އިމާރާތަކަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ ނޭޓޯ އަދި އެމެރިކާގެ އެމްބަސީ ހުންނަ އިމާރާތަށެވެ. އެ ހަމަލާގައި އެއްވެސް މީހަކަށް ކަމެއް ނުވެއެވެ.

ތަލިބާނުން ހަމަލާތައް ދިން އެ ސަރަަހައްދަކީ ސަލާމަތީ ގޮތުން ވަރަށް ވަރުގަދައަށް ފިޔަވަޅުތައް އަޅާފައި އޮތް ސަރަހައްދަކަށެވެ. އެ ސަރަހައްދުގައި ބޮމުގެ ހަމަލާތަކުން ރައްކާތެރިވުމަށް، ވަރުގަދަ "ބްލާސްޓް" ފާރުތައް ވެސް ހުރެއެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން މިހާތަނަކަށް ނަގާފައެއް ނުވެއެވެ.

ރައީސްގެ ގަނޑުވަރު ކައިރިއަށް ވަރުގަދަ ހަމަލާތަކެއް ދިނީ އީދާ ދިމާކޮށް މިދިޔަ އާދިއްތަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެ ގައުމުގެ ރައީސް، ތަލިބާނުންނަށްް ހުށަހަޅުއްވާފައި ވަނިކޮށެވެ.