21 Aug 2018, 16:03
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ރާނީ މުކަރްޖީއާއި މަޝްހޫރު ބަތަލު އަބީޝޭކް ބައްޗަން އަނެއްކާވެސް އެކުގައި ބޮލީވުޑް ފިލްމަކުން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ދެ ތަރިން އެކުގައި ފެނުނު ފިލްމުތަކުގެ ތެރެއިން "ބަންޓީ އޯރް ބަބްލީ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ ފިލްމެކެވެ. އަބީޝޭކާއި ރާނީ އަނެއްކާވެސް ފެންނަން މިއުޅެނީ ހަމަ އެ ފިލްމުގެ ދެވަނަ ބައިންނެވެ.
"ބަންޓީ އޯރް ބަބްލީ" ދެވަނަ ބައިގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގައި ފަށަން އޮތީ ހަމަޖެހިފައެވެ. ހަބަރުތައް ބުނާ ގޮތުގައިި ރާނީވެސް އެ ފިލްމުގެ ދެވަނަަ ބައެއް ހަދަން ޝައުގުވެރިވެއެވެ.
އެއާއެކު އަބީޝޭކާއި ރާނީ ތިބީ އެކުގައި މަސައްކަތްކޮށްލަން ލިބޭތީ ވަރަށް އުފަލުންނެވެ. "ކަޖްރާ ރޭ" އެއީ "ބަންޓީ އޯރް ބަބްލީ" ފިލްމުގެ މަޝްހޫރު ލަވައެކެވެ.
މިފަހަރުގެ ފިލްމު ޑައިރެކްޓް ކުރަން މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ހުރީ ވަރަށް ބޭނުންވެފައި ކަމަށް ހަބަރުތައް ބުނަމުން ދާއިރު ކުރީގެ ފިލްމު ޑައިރެކްޓް ކުރި ޝާދް އަލީ މިފަހަރުގެ ފިލްމު ޑައިރެކްޓް ނުކުރާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.
އަބީޝޭކްގެ ކުރިޔަށް އޮތް ފިލްމު "މަންމަރްޒިޔާން" ރިލީޒްކުރާނީ އަންނަ މަހުގެ 14 ގައެވެ. ރާނީ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ މިއަހަރުގެ މާޗް މަހު ނެރުނު "ހިޗްކީ"އިންނެވެ.