21 Aug 2018, 15:19
ލިވަޕޫލްއަކީ މި ސީޒަނުގައި ލީގު ތައްޓަށް ވާދަކުރާނެ ކްލަބެއް ކަމަށް ބުނަން އަދި މާ އަވަސް ކަމަށާއި އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކަން އެއްވެސް ވަރަަަކަށް ޝައުގުވެރި ނުވާ ކަމަށް އެ ޓީމުގެ ކޯޗް ޔާގެން ކްލޮޕް ބުނެފި އެވެ.
ކްލޮޕް މިހެން ބުނީ ރޭ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެމުންނެވެ. އެ މެޗުން މޮޅުވުމާއެކު ލިވަޕޫލް ވަނީ ސީޒަނުގެ ފުރަތަމަ ދެ މެޗުގައި ހަ ޕޮއިންޓު ހޯދި ފަސް ޓީމުގެ ތެރޭގައި ހިމެނިފައެވެ.
އެހެންކަމުން ލީގުގެ ޑިފެންޑިން ޗެމްޕިއަން މެންޗެސްޓާ ސިޓީއާވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި އޮތުމުން މީޑިއާއިން އޭނާއާ ސުވާލު ކުރީ މި ސީޒަނުގައި ލިވަޕޫލްއިން ލީގު ޓައިޓަލް ހޯދުމަށް ސިޓީއާ ވާދަކުރާނެކަމަށް ގަބޫލުކުރާތޯއެވެ.
"ދެ މެޗަށްފަހު އެކަމާ ބެހޭގޮތުން ވާހަކަދައްކަން އަދި މާ އަވަސް. މީޑިއާއިން އެކަމާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންނަމަ ދައްކާ، އެކަމަކު އަހަރެމެންގެ ބަހަކާ ނުލައި އެ ވާހަކަދައްކާ." ކްލޮޕް ބުންޏެވެ.
ރޭގެ މެޗުގެ ނަތީޖާއާ ގުޅޭގޮތުން ކްލޮޕް ބުނީ ލިވަޕޫލްއަށް ރޭ ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ. އެހެން ނަމަވެސް މިވަގުތަށް ކުޅުމާއި ނަތީޖާއާ މެދު ހިތްހަމަޖެހޭކަމަށް އޭނާ ބުންޏެވެ.
ކްރިސްޓަލް ޕެލެސް އަތުން 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި ލިވަޕޫލްގެ ގޯލުތައް ޖަހައިދިނީ، ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ އަދި، ވަހު ވަގުތު ސަޑިއޯ މާނޭ އެވެ. އެ މެޗުގެ 75 ވަނަ މިނެޓުގައި ޕެލެސްގެ ޒުވާން ފުލްބެކް އާރޮން ވަން-ބިސާކާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.