21 Aug 2018, 14:43
ރައީސް އަބްދުﷲ ޔާމީން މި މަހު ކުރީކޮޅު ގދ. ގައްދޫއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ޕީޕީއެމް ސަޕޯޓަރުން ހެދި މަރިޔާދުގޭގައި ރޭ ހުޅުޖެހިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން 41 އަހަރުގެ ފިރިހެނެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ރޭ 10:30 ކަން ހާއިރު ހިނގި އެ ހާދިސާގައި އެ މަރިޔާދުގެ ވަނީ އަނދާ ހުލިވެފައެވެ.
"އަޅުގަނޑަށް ވެސް އެކަން އެނގުނީ މީހަކު ބުނީ އެތާ ރޯވެގެން އެބަ އުޅޭ، އެހެން ބުނީމަ ދިޔަ އިރު ވަރަށް ބޮޑަށް ރޯވެ އަނދަނީ،" ގައްދޫ މީހަކު "ސަން"އަށް ކިޔައިދިނެވެ.
އެ މަރިޔާދުގެއަކީ ދަނޑިފަނުން ހަދާފައި ހުރި ތަނެއް ކަމަށް އޭނާ ބުންޏެވެ.
އަލިފާންގަނޑު ނިވާލަން އެއްވެސް މީހަކު މަސައްކަތް ނުކުރާ ކަމަށާއި ރަށުގެ ރައްޔިތުންނާއި ކައުންސިލަރުން އަދި ފުލުހުން ވެސް އެތަނުގައި ތިބި ކަމަށް އެ މީހާ ބުންޏެވެ.
"ދެން ބޮޑަށް ގަބޫލު ކުރެވެނީ ހުޅުގަނޑު ހިފާފައި ހުރިލެއް ބޮޑުކަމުން. އަނދާ ހުލިވަންދެން ބެހެއްޓީ ކަމަށް." އޭނާ ބުންޏެވެ.