21 Aug 2018, 15:24
ފާޑުކިޔުން އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ހޯސޭ މޮރީނިއޯއަށް އެ ކްލަބުގެ ބޯޑުގެ ރުހުން އަދިވެސް އެބަ އޮތް ކަމަށާއި އޭނާގެ ބަދަލުގައި ކްލަބަށް ޒައިނުއްދީން ޒިދާން ގެންނަން އަދި ނޫޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑު ލީގުގެ، ފުރަތަމަ މެޗުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ 3-2 ގެ ނަތީޖާއިން ބްރައިޓަން އަތުން ބަލިވެފައެވެ. އެއާއެކު ކޯޗު މޮރީނިއޯއަށް ފާޑުކިޔުން އަމާޒުވި އިރު، އޭނާގެ ބަދަލުގައި، ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗ،ު ޒިދާން ޔުނައިޓެޑުން ގެންނަން އުޅޭ ކަމަށް ހަބަރު ފެތުރުނެވެ.
އެހެން ނަމަވެސް ޔުނައިޓެޑުގެ އޮފިޝަލަކު އިނގިރޭސި މީޑިއާއަށް ކަށަވަރުކޮށްދިން ގޮތުގައި އަދިވެސް ކްލަބުގެ ބޯޑުގެ އިތުބާރު މޮރީނިއޯއަށް އެބަ އޮތެވެ. އަދި ޒިދާން ގެނައުމާ ބެހޭގޮތުން އޭނާ ބުނީ ކޯޗު ކަމުގެ މަގާމު ހުސްނުވެ އޮތް އިރު އެކަމުގެ ވާހަަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އާސެނަލްގެ ކުރީގެ ސްޓްރައިކަރެއް ކަމަށްވާ އިއަން ރައިޓް އެކަމާ ގުޅޭ ގޮތުން ބުނެފައި ވަނީ މޮރީނިއޯވެސް ހުރީ އޭނާ ބޭނުންވާ ކުޅުންތެރިން ގަންނަން ނުލިބުން ކްލަބާ މެދު ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި ނެރެމުން އަންނަ ނަތީޖާތަކުން ކްލަބުގެ ސަޕޯޓަރުންގެ އިތުރުން ކުޅުންތެރިން ވެސް ތިބީ ހިތްހަމަ ނުޖެހިފައި ކަމަށް އޭނާ ބުންޏެވެ.
ރައިޓް ބުނީ މިހާރު ޔުނައިޓެޑުން ދައްކަމުން އަންނަ ދަށް ނަތީޖާތައް ކުރިއަށް އޮތް ތަނުގައި ފެނިއްޖެނަމަ ކްލަބުން މޮރީނިއޯ މަގާމުން ވަކި ކުރާނެ ކަމަށެވެ.