20 Sep 2011, 11:16
އީވާން ނަސީމް މަރާލި ހާދިސާގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެމްޑީޕީން އަނެއްކާވެސް ގޮވާލައިފި އެވެ.
އީވާން ނަސީމް މަރާލިތާ އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެރިކަން ކުރާ އެމްޑީޕީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިންސާނީ ކަރާމާތަށް ބެލުމެއްނެތި މާފުށީ ޖަލުގައި އީވާން ނަސީމް މަރާލައި ޖެހިގެން އައި ދުވަހު އެކަމާ އިދިކޮޅަށް މަސައްކަތް ކުރި ގައިދީންގެ ތެރެއަށް "ޖައްވަށް، ހަވާޔަށް ފަޒާއަށް" ބަޑިޖަހައި ގައިދީންތަކެއް މަރާލި ދުވަހަށް އަށް އަހަރު ފުރޭ ދުވަހަކީ ވަރަށް ހިތާމަވެރިކަމާ އެކު އެޕާޓީން ފާހަގަކުރާ ދުވަހެއް ކަމުގަ އެވެ.
ކުރީގެ ސަރުކާރުގެ އިސް ވެރިންތަކެއް ހިންގި އަމަލެއް ކަމަށް ބުނެ އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފްވެރި ޝަރީއަތެއް ކުރުމަށް ފަހު އެ މައްސަލާގައި ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބް ދިނުމަށް ވެސް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
މ. އޭޝިޔާ، އީވާން ނަސީމް މަރާލުމާއި އެމަރާ ގުޅިގެން ޖަލުގައި ހިނގައި ދިޔަ ބަޑިޖެހުމުގެ ހާދިސާ ހިންގި ކަޅުދުވަސްތައް އެމްޑީޕީގެ ސަރުކާރުން ތަހްޤީގުކުރުމަށް ގޮވާލާފައިވާ އިރު ކުރީގެ ސަރުކާރުން އެ މައްސަލަ ބެއްލެވުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި ދައުލަތުން ދައުވާކުރީ 12 މީހެއްގެ މައްޗަށެވެ.
އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އަދި އޭނާ ރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުގެން ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް 2006 އަހަރު ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.
އީވާން މަރާލުމުގެ ކުށް ސާބިތުވެގެން ފެބްރުއަރީ 24، 2005 ވަނަ ދުވަހު މަރަށް މަރު ކުހުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި ސ. ފޭދޫ ޔެލޯ ހައުސް, މުހައްމަދު ޝިއުނީޒާއި ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ.
އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, ސެޕްޓެމްބަރު 18 2005 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ ތ. ތިމަރަފުށީ ވިލާޑިލައިޓް އަބުދުﷲ ހަސަންގެ މައްޗަށެވެ.
ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިވެފައިވެ އެވެ.
މިހާދިސާއަށް އަށް އަހަރު ވިއިރު ސަރުކާރުން ވަނީ އަލުން މި މައްސލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލިހުގެ ތިން މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޓިއެއް ވެސް އެކުލަވާލާފައެވެ. އަދި ގައިދީންގެ ގަޔަށް ބަޑިޖަހައިގެން އުމުރަށް ޖަލަށްލުމަށް ހުކުމް ކުރި މީހުން، ގޭބަންދަށް ބަދަލްކޮށްފައި ވަނިކޮށް އަލުން އެ އެންމެން ޖަލަށް ވެސް ބަދަލްކޮށްފަ އެވެ.