21 Aug 2018, 13:00
އަހަރުގެ އެންމެ މޮޅު ވީޑިއޯ ލަވައިގެ އެވޯޑު، ޒުވާން ލަވަކިޔުންތެރިޔާ ކަމީލާ ކަބޭޔޯގެ ލަވަ "ހަވާނާ"އަށް ލިބިއްޖެއެވެ.
އެމްޓީވީން ކޮންމެ އަހަރަކުވެސް ދޭ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ) ދިނުމުގެ ހަފްލާ ރޭ ބާއްވާފައިވާ އިރު، މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެންމެ މަގުބޫލުވި ވީޑިއޯ ލަވަތައް ފާހަގަކޮށް، އެވޯޑު ދީފައިވެއެވެ.
ކަމީލާގެ "ހަވާނާ"އަށް ބެސްޓް މިއުޒިކް ވީޑިއޯ އެވޯޑު ލިބުނު އިރު، އާޓިސްޓް އޮފް ދަ އިޔާ އެވޯޑުވެސް ލިބުނީ ކަމީލާއަށެވެ. ދެހާސް ބާރަވަނަ އަހަރު އެކްސް ފެކްޓާ އެމެރިކާގެ ތެރެއިން އުފެދުނު "ފިފްތު ހާމަނީ" ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދި ކަމީލާ، އެ ގްރޫޕު ދޫކޮށްލީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކަމީލާއަށް މި އެވޯޑުތައް ލިބުނީ ބްރޫނޯ މާސް، ޑްރޭކް އަދި އާރިއާނާ ގްރާންޑޭ ފަދަ، ނަން މަޝްހޫރު ބޮޑެތި ފަންނާނުންނާ ވާދަކޮށެވެ.
ކަމީލާގެ އުފަން ރަށް ކަމުގައިވާ ކިއުބާގެ ވެރިރަށް ހަވާނާއަށް ނިސްބަތްކޮށް އުފެއްދި ލަވައަށް އަހަރުގެ މިއުޒިކް ވީޑިއޯ އެވޯޑު ލިބުނު އިރު، އެ ލަވަ އިތުރު ތިން އެވޯޑަކަށް ނޮމިނޭޓުވިއެވެ.
މި އަހަރުގެ ވީއެމްއޭގައި ބެސްޓް ނިއު އާޓިސްޓްގެ އެވޯޑު ލިބިގެން ދިޔައީ މަޝްހޫރު ރެޕް އާޓިސްޓް ކާޑީ ބީއަށެވެ. އަދި ސޯންގް އޮފް ދަ އިޔާ އެވޯޑު ލިބުނީ ޕޯސްޓް މަލޯނީ އަދި 21 ސެވޭޖްގެ ލަވަ "ރޮކްސްޓާ"އަށެވެ.
އަހަރުގެ ބެސްޓް ޕޮޕް ލަވައަށް އާރިއާނާ ގްރާންޑޭގެ "ނޯ ޓިއާސް ލެފްޓް ޓު ކްރައި"އަށް ލިބުނު އިރު، ބެސްޓް ހިޕްހޮޕް އެވޯޑު ލިބުނީ ނިކީ މިނާޖުގެ ލަވަ "ޗުން ލީ"އަށެވެ. މީގެ އިތުރުން ބެސްޓް ލެޓިން އެވޯޑު، ޖޭ ބެލްވިން އަދި ވިލީ ވިލިއަމްގެ "މި އެންޓޭޭ"އަށް ލިބުނު އިރު، ބެސްޓް ޑާންސްގެ އެވޯޑު ލިބުނީ ރީޓާ އޯރާގެ ވޯކަލްސްއާ އެކު، ސްވީޑެންގެ ޑީޖޭ އަވީޗީ އުފެއްދި ލަވަ "ލޯންލީ ޓުގެދާ"އަށެވެ.
މީގެ އިތުރުން ބެސްޓް ވިޜުއަލް އެފެކްސްގެ އެވޯޑު ލިބުނީ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމު "ބްލެކް ޕެންތާ"ގައި ހިމެނޭ ލަވަ "އޯލް ދަ ސްޓާޒް"އަށެވެ. މި ލަވައަކީ ކެންޑްރިކް ލަމާރ އަދި ސޮލާނާ އީމާނީ (ސިޒާ)ގެ އަޑުން ކިޔައިދީފައިވާ ލަވައެކެވެ.