20 Sep 2011, 09:57
އިސްލާމީ ޝަރީއަތާ އެއްގޮތަށް އިންޝުއެރަންސްގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނި، އަމާނާ ތަކަފުލް އިން ފުރަތަމަ ބުރުގައި އަށް ލައްކަ ހިއްސާ ވިއްކަން ނިންމައި މިއަދު ހިއްސާ ވިއްކަން ފަށައިފި އެވެ.
ދެހާސް ފަސް ވަނަ އަހަރު ރާއްޖޭގައި އޮޕަރޭޓް ކުރަންފެށި އެ ކުންފުނީގެ ޑިރެކްޓަރު އުޝްމާން ކާސިމް ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ވިއްކާ ހިއްސާގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކާ އަށް ލައްކަ ހިއްސާ ވިއްކުން އިސްލާމިކް ބޭންކު މެދުވެރިކޮށް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މި ކުރަނީ ދިވެހި ހުރިހާ ރައްޔިތުން ވެސް ހިއްސާ ބައްލަވައިގަންނަވާނެ ކަމަށް. މިއީ އެބޭފުޅުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް،" އުސްމާން ވިދާޅުވި އެވެ.
ހިއްސާ އާންމުކޮށް ވިއްކުން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށް އުޝްމާން ވިދާޅުވި އެވެ.
ދިވެހިންނަށާއި އަދި ބޭރުގެ ފަރާތްތަކަށް ވެސް އަމާނާ ތަކަފުލް އިން ހިއްސާ ވިއްކުމަށް ހުޅުވާލާއިރު އެ ކުންފުނިން އެއް މަސް ދުވަހުގެ މުއްދަތަށް ހުޅުވާލި ފުރަތަމަ ބުރުގައި ވިއްކާނީ އޯޑިނަރީ ހިއްސާ ނޫނީ އާދައިގެ ހިއްސާ އެވެ. ހިއްސާ ވިއްކާނީ މޫނުމަތީ އަގު 1.30ރ.ގެ ހިއްސާއެއް 18.70ރ،ގެ ޕްރިމިއަމްއަކާ އެކު 20ރ.ގެ ރޭޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުސްމާން ވިދާޅުވީ ހިއްސާ ވިއްކައިގެން އެ ކުންފުންޏަށް 16 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
އެ ކުންފުނީގައި ހިއްސާވާން ބޭނުންވާ ފަރާތްތަކަށް އެންމެ މަދުވެގެން ގަނެވޭނީ 500ރ. އަށް ވާ 25 ހިއްސާ ކަމުގައި އެ ކުންފުނިން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ އަދަދު އިތުރު ކުރަން ބޭނުންވާ މީހަކަށް ހިއްސާ އިތުރު ކުރެވޭނީ ކޮންމެ 25 ހިއްސާއަކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"އަޅުގަނޑުމެން މި އުޅެނީ ހިއްސާ ވިކޭ ނިސްބަތަށް ބަލައިގެން ބޯނަސް ހިއްސާ ވެސް ވިއްކަން ނިންމައިގެން،" އުސްމާން ވިދާޅުވި އެވެ.
އަމާނާ ތަކަފުލް އަކީ ލަންކާގެ ސްޓޮކް އެކްސްޗޭންޖްގައި ވެސް ލިސްޓްކޮށްފައިވާ ކުންފުންޏެވެ. އަމާނާ ގްލޯބަލް ޕްރައިވެޓް، ސްރީލަންކާ (އޭޖީއެލް)ގެ ސަބްސިޑަރީ އެ ކުންފުނީގެ 60.7 ޕަސެންޓް އޭޖީއެލްއިން ހިއްސާވާއިރު 25 ޕަސެންޓް ހިއްސާ ވަނީ އެކްސްޕޯ ލަންކާ ގުރޫޕުންނެވެ. ބާކީ އޮތް 14 ޕަސެންޓް ހިއްސާވަނީ އަމިއްލަ ފަރުދުންނެވެ.
މިދިޔަ އަހަރު 9344 ޑޮލަރުގެ ސާފު ފައިދާވި އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށުމުން އަމާނާ ތަކަފުލްގައި އޮންނަ އޭޖީއެލްގެ ހިއްސާ 55.2 ޕަސެންޓަށް ތިރިވާނެ އެވެ. ދެން އެންމެ ގިނަ ހިއްސާ އޮންނަ އެކްސްޕޯ ލަންކާގެ ހިއްސާ ގާތްގަނޑަކަށް 23 ޕަސެންޓަށް ދައްވާނެ އެވެ. އާންމު ފަރުދުންގެ ހިއްސާ 13 ޕަސެންޓަށް ތިރިއަށް ޖެހޭނެ އެވެ.
އެ ކުންފުނިން ރޭވަނީ ހިއްސާ ވިއްކުން ފެއްޓުމަށް ނަސަންދުރާގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް ޑިރެކްޓަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
އެ ކުންފުނިން އަންނަނީ އިސްލާމިކް ހެލްތު އިންޝުއަރެންސް ވެސް ތައާރަފްކުރުމަށް ތައްޔާރުވަމުންނެވެ.