21 Aug 2018, 00:16
ރިޔާސީ އިންތިހާބުގުގެ ކެމްޕޭނުގައި، ޕީޕީއެމްގެ ކުލަ ކަމަށްވާ ފިޔާތޮށި ނުވަތަ މެޖެންޓާ ކުލަ ބޭނުން ނުކުރަން އެ ޕާޓީން އެހެން ޕާޓީތަކަށް އަންގައިފި އެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ކުލަ އެމްޑީޕީގެ ޕޯސްޓަރުތަކާއި ހަރަކާތްތަކުގައި ބޭނުން ކުރާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. ނަމަވެސް، ފިޔާ ތޮށި ކުލައަކީ އެޕާޓީގެ މައްޗަށް ރެޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ ކުލައެއް ކަމަށް ޕީޕީއެމުން ބުނެ އެވެ.
" މި ޕާޓީގެ މައްޗަށް މި ކުލަ ރަޖިސްޓްރީވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ މައިދާނުގައި މިކުލަ ބޭނުން ކުރެވޭނީ ހަމަ އެކަނި ޕި ޕާޓީއަށެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ކުލަ އެހެން ޕާޓީތަކުން ބޭނުން ކުރުމަކީ ގާނޫނީ ގޮތުން، އެ ޕާޓީތަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ. އަދި އެގޮތަށް ޕީޕީއެމުގެ ކުލަ ބޭނުން ކުރުމަކީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި، އެހެން ކެމްޕޭންތަކުގެ ކެމްޕެއިން ޕޯސްޓަރުތަކުގަ އާއި ޖަލްސާތަކުގައި އަދި ކެމްޕޭނުގެ އެހެނިހެން ހަރަކާތްތަކުގައި މި ޕާޓީއަށް ރަޖިސްޓްރީކޮށްދެއްވާފައިވާ ކުލަ ބޭނުން ކުރެއްވުން ހުއްޓާލެއްވުމަށް ދަންނަވަން،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމުން އެޕާޓީގެ ކުލަ ބޭނުން ނުކުރަން އެންގި އިރު، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕޭނުގައި އަންނަނީ ރައީސް މައުމޫނު ތަމްސީލު ކުރުމުގެ ގޮތުން ފިޔާތޮށި ކުލަ ބޭނުން ކުރަމުންނެވެ.