އެއްބައިވަންތަވެ، އެކުވެރިކަމާއެކު ދިވެހި ރައްޔިތުން ކުރިއަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން ރައީސް ވިދާޅުވީ، އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އަދި އެކަން ހައްޖުގެ މަތިވެރި އަޅުކަމުން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ދިވެހިންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން އިތުރަށް ވަރުގަދަ ކުރަން ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި މިއީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި، އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރުމުގެ މުނަސަބަތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"[މިއީ] ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަހުވަންތަކަމުގެ ގުޅުން ގާއިމުކޮށް، ދެމެހެއްޓުމުގެ މުހިއްމުކަން ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދިވެހިންގެ އިތުރުން، ރައީސް ޔާމީން ވަނީ މުޅި އިސްލާމީ އުންމަތަށް އީދު ތަހުނިޔާ ފޮނުއްވައިފަ އެވެ.