ފުވައްމުލަކު ސިޓީ އާއި ގދ. ތިނަދޫން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތާއީދެއް އޮތް ކަމަށް، އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެ ދެ ރަށަށް ކުރެއްވި ހަފްތާއެއްހާ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ޝަހީމް ވިދާޅުވީ، ފުވައްމުލަކާއި ތިނަދޫން ގިނަ ރައްޔިތުންތަކަކާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ މީހުން ރައީސް ޔާމީނަށް ކުރައްވަމުން ގެންދަވާ ތާއީދަށް، ޝުކުރު ދަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ބައްދަލުވި އިސް ރަށްވެހިންނާއި، ޒުވާނުންގެ ވާހަކަތައް އަޑު އެއްސިވިކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ޒުވާނުންނަށްޓަކައި ސަރުކާރުން ގާއިމްކޮށްދެއްވާފައި ހުރި ވަސީލަތްތަކުގެ އަގު، އެ މީހުން ވަޒަންކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ހަގީގަތުގައި ރައްޔިތުން ވަރަށް ބޮޑަށް އަގުވަޒަން ކުރޭ މި ކަންތައްތައް، ރައްޔިތުންނާއި މެދު ވަރަށް ބޮޑަށް އިތުބާރު އެބައޮތް. އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އެ ރައްޔިތުން ރައީސް ޔާމީނަށް ވިދާޅުވާނީ އާން އެކޭ،"

"މި ދެ ރަށަށް ކުރި ދަތުރުގައި އަޅުގަނޑުމެނަށް ފާހަގަކުރެވުނީ ރައީސަށް އޮތް ތާއީދު ވަރަށް ބޮޑުކަން. އެހެން ކަމުން އަޅުގަނޑުމެނަށް ޔަގީން ކުރެވޭ މާތްﷲ އިރާދަފުޅާއި އެކު ވަރަށް ތަނަވަސް އަގްލަބިއްޔަތަކުން 23 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިހާބް ރައީސް ޔާމީން ކާމިޔާބް ކުރައްވާނެ ކަން،" ޝަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ރައީސް ޔާމީނަށް ކެނޑިޑޭޓު ނަމްބަރު އެކެއް ލިބިވަޑައިގެންނެވުމަކީ ބޮޑު އުފަލެއްގެ ގޮތުގައި ޝަހީމް ފާހަގަކުރެއްވި އެވެ. ރައީސް ޔާމީނަކީ އެއް ވަނަ ކެނޑިޑޭޓު ކަމަށާއި، އިންތިހާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ތިނަދޫގައި ބިނާ ކުރަމުންދާ އިސަލާމީ މަރުކަޒުގެ ސިޑި މަތީގައި ޝަހީމް އިސްވެ ހުންނަވައިގެން ސަޕޯޓަރުންނާއި އެކު ނެގި ފޮޓޯއަކަށް ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ވިދާޅުވީ، އެ ތަނުގައި ސިޔާސީ ހަރަކާތެއް ހިންގާފައި ނުވާނެ ކަމަށާއި އަދި މިސްކިތެއްގެ ހުރުމަށް ދުވަހަކު ވެސް ކަނޑާ ނުލައްވާނެ ކަމަށެވެ.