މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ވެެރިކަމަށް ވަޑައިގަތުމަށް ފަހު، ޓެކުހުގެ ނިޒާމު ފުރިހަމަކޮށް، އިންކަމް ޓެކްސް ނަގާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ، ޖަޒީރާ މެނިފެސްޓޯގައި އިންކަމް ޓެކްސް ނެގުމުގެ ވާހަކަ ހިމަނާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ޓެކުހުގެ ނިޒާމުގެ ތެރެއިން ފުރިހަމަ ކުރުން މުހިންމު މަކަށެވެ.

"ރައްޔިތުންގެ ގެދޮރުވެރި ކުރުވުމާއި ބޮޑެތި ބަލިތަކަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ލިބިދިނުމާއި ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށް ދިނުން މިއީ ދައުލަތަކުން ކުރަން ޖެހޭ ކަމެއް. ދައުލަތުގެ އިޖުތިމާއީ ނިޒާމު ފުރިހަމަ ކުރެވެން އަންނަނީ ޓެކުހުގެ ނިޒާމު ފުރިހަމަ ކޮށްގެން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންކަމް ޓެކްސް ނަގާނީ ރަނގަޅަށް ދިރާސާ ކުރުމަށް ފަހު، އެކަމާ ގުޅޭ ހުރިހާ ފަރާތްތަކާއި މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި އިންކަމް ޓެކްސް ނަގާނީ، ފުދުންތެރިކަން ހުރި ފަރާތްތަކުގެ އަތުން ކަމަށްވެސް ވިދާޅުވި އެވެ.

"ކަނޑައެޅޭ ވަކި މިންވަރަކަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނެގޭނީ. އަދި އެ ވާނީ ޕްރޮގްރެސިވް ޓެކުހަކަށް." އިބޫ ވިދާޅުވި އެވެ.

އިންކަމް ޓެކްސްއަށް ހާއްސަ ގާނޫނެއް އެކުލަވާލައި ތަފްސީލުތައް އޭގައި ހިމަނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެގޮތުން، "ވިސްލް ބްލޯ ޕްރޮޓެކްޝަން އެކްޓް" ގާނޫނެއް ގޮތުގައި މަޖިލީހުން ފާސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ވެސް އިބޫ ވަނީ، އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.