20 Aug 2018, 17:51
ހުޅުމާލޭގައި، ކާރާއި ކުދި ޕިކަޕު ޕާކު ކުރަން ހާއްސަ ވާޓިކަލް ޕާކިން ސިސްޓަމުތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ޑިރެކްޓަރު އަހުމަދު ފާތިހު "ސަން" އަށް ވިދާޅުވީ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި، ނުވަ ޕާކިން ސިސްޓަމް ބަހައްޓާނެ ކަމަށެވެ.
"ޕާކިން ސިސްޓަމްތައް ބަހައްޓާނީ އެންމެ ބޭނުން ސަރަހައްދު ތަކުގައި. ތިން ނެއިބާ ހޫޑުގައި ވެސް ބަހައްޓަނެ،" ފާތިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭ ޕާކިން ސިސްޓަމުތައް ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އެ ޕާކިން ސިސްޓަމުތަކުގައި 300 ވެހިކަލް ޕާކު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގެ މަގުތައް ރޭގަނޑު ވަގުތު އަލިކުރުމަށް އިތުރު ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފާތިހު ވިދާޅުވި އެވެ.

ހުޅުމާލޭގައި ބަހައްޓާ ޕާކިން ސިސްޓަމުތަކުގައި 300 ވެހިކަލަށް ޕާކް ކުރެވޭނެ --- ސަން ފޮޓޯ: އައިޝަތު ފަރީހާ
"މިހާރު ހުންނަނީ 50 ފޫޓުން ލައިޓު ޖަހާފައި. އިތުރު ލައިޓުތައް ގެނެސް 25 ފޫޓުން ލައިޓު ޖަހަން މިހާރު ދަނީ މަސައްކަތް ކުރަމުން،" ފާތިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް، ބައެއް މަގުތަކުގައި 25 ފޫޓުން ލައިޓު ހަރުކުރަމުންދާ ކަމަށާއި، އެގޮތަށް ލައިޓު ހަރުކުރަނީ ފުލުހުންގެ ލަފާގެ މަތިން، އަލިކަން އެންމެ ބޭނުންވާ ސަރަހައްދުތަކުގައި ކަމަށް ފާތިހު ވިދާޅުވި އެވެ.
ހުޅުމާލޭގެ މަގުތައް ރޭގަނޑު އަނދިރިވުމުގެ ސަބަބުންނާއި މަގުމަތީ ހުންނަ ބަމްޕަރުތަކުގެ ކުލަ ކެހިފައި ހުރުމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ.
ހުޅުމާލޭގެ ސިމެންތި ބަމްޕަރުތައް ނަގައި، ރަބަރު ބަމްޕަރު ހަރުކުރުމަށް ވެސް އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ.