ވޮޝިންގޓަން (ސެޕްޓެމްބަރ 20) : އީރާނާއި އެމެރިކާއާ ދެމެދު ޢަސްކަރީ ހޮޓްލައިނެއް ޤާއިމް ކުރުމާބެހޭ ގޮތުން ވިސްނަމުންދާކަން އެމެރިކާ ހާމަކޮށްފިއެވެ. ނަންހާމަކުރަންނޭދޭ އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިއަކާ ޙަވާލާދީ "އެޖެންސީ ފްރާންސް ޕްރެސް" ބުނިގޮތުގައި އީރާނާއި އެމެރިކާއާ ދެމެދު ޢަސްކަރީ ހޮޓްލައިނެއް ޤާއިމް ކުރުމުގެ ބޭނުންތެރިކަމާބެހޭގޮތުން އެމެރިކާގެ ޢަސްކަރީ ދާއިރާތަކުގައި ވާހަކަ ދެކެވެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިކަން ރަސްމީ ގޮތެއްގައި އެމެރިކާގެ ދިފާޢީ ވަޒީރަށް ހުށަހަޅާފައެއް ނުވެއެވެ.

ދެ ހަތުރުން ކަމަށްވާ އެމެރިކާއާއި އީރާނާ ދެމެދު ޢަސްކަރީ ހޮޓްލައިނެއް ޤާއިމް ކުރުމުގެ ބޭނުމަކީ ދެޤައުމުގެ ސިފައިންނާއި ޢަސްކަރީ ބާރުތައް ކައިރިކައިރީގައި ޙަރަކާތްތެރިވަމުންދާއިރު ނޭންގުމެއްގެ ތެރެއިން ނުވަތަ ބޭއިޚްތިޔާރުގައި ކުރެވޭ ކަމެއްގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ޢަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރްސަތު ނުދިނުން ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލްސްޓްރީޓް ޖޯނަލް ބުނިގޮތުގައި ގަލްފުގައި އެމެރިކާއާއި އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ޙަރަކާތްތެރިވާއިރު ނޭންގުމެއްގެ ތެރެއިން ދެޤައުމުގެ ސިފައިންގެ ދެމެދުގައި ކުރިމަތިލުމެއް ހިނގުމުގެ ފުރްސަތު ބޮޑުކަން އެމެރިކާގެ ޢަސްކަރީ ތަޖްރިބާކާރުންނަށްވަނީ ފާހަގަ ކުރެވިފައެވެ. އީރާނުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ގަލްފުގެ މަތިން ދަތުރުކުރާއިރު ގަލްފުގައިވާ އެމެރިކާގެ ޢަސްކަރީ މަނަވަރުތަކާ މާބޮޑަށް ގާތްވާގޮތް ބައެއްފަހަރު ދިމާވާ ކަމަށް އެމެރިކާގެ ބައެއް އެޑްމިރަލުންނާ ޙަވާލާދީ ވޯލްސްޓްރީޓް ޖޯނަލް ބުނެއެވެ.

ނަމަވެސް މިފަދަ ހޮޓްލައިނެއް ޤާއިމް ކުރުމަށް އީރާނުން އިސްނުނަގާތީ އާއި އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ޙަމާސް ޖަމާޢަތަށް އީރާނުން އެހީތެރިވުމުގެ ސަބަބުން އީރާންދެކެ އެމެރިކާ ރުޅިއަންނާތީ އެމެރިކާގެ މަސްއޫލުވެރިންވެސް މިކަމަށް އިސްނަގަން ފަސްޖެހޭކަމަށް އެނޫސް ބުނެއެވެ. (އަލްޖަޒީރާ)