20 Aug 2018, 13:32
ސައުދީ ޓެލެކޮމް ކޮމްޕެނީ (އެސްޓީސީ)ގެ ފަރާތުން މި ހައްޖު މޫސުމުގައި ހައްޖުވެރިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި އެއް ޖީބީގެ މޯބައިލް އިންޓަނެޓު ދޭނެ ކަމަށް ބުނެފި އެވެ.
ހައްޖުގެ ކަންތައް ޓެކްނޮލަޖީ އަށް އަންނަ ބަދަލުތަކާ ޢެއްވަރަށް ތަރައްގީ ކުރުމަށް ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ އެކު އިންޓަނެޓް ބޭނުންކޮށްގެން ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެހެނިހެން ހިދުމަތްތައް ވަނީ ހައްޖުވެރިންނަށް ހާއްސަކޮށްގެން ތައާރަފު ކޮށްފަ އެވެ.
އެސްޓީސީގެ ޗެއާމަން ނާސިރު ބިން ސުލައިމާން އަލް ނާސިރު ވިދާޅުވީ މި ހަދިޔާ އަކީ ސައުދީ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒު އަދި ކްރައުން ޕްރިންސް، މުހައްމަދު ބިން ސަލްމާނުގެ އިރުޝާދާއި އެދިވަޑައިގަތުމުގެ މަތިން ހައްޖުވެރިންނަށް ދިން ހަދިޔާއެއް ކަމަށެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި އިންޓަނޭޝަނަލް ރޯމިން ނެޓްވޯކުތައް ވެސް 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ނާސިރު ވަނީ ވިދާޅުވެފަ އެވެ.
އެއް ޖީބީގެ ހިލޭ ޑޭޓާ ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ ތެރެއިން އެސްޓީސީގެ ހުރިހާ ޕްރީޕެއިޑު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ސައުދީ އިން ބުންޏެވެ.