20 Aug 2018, 12:31
މި އަހަރުގެ އަޟްޙާ އީދު ނަމާދު މާލެ އާއި ރަށްރަށުގައި ބޮޑު ޖަމާއަތުގައި ކުރުމަށް ތައްޔާރީތައް ވާން ފަށައިފި އެވެ.
މާލޭ ސަރަހައްދުން މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ މާލޭ ދެކުނު ފަރާތު މާފަންނު ސްޓޭޑިއަމް އާއި ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް އިސްލާމީ މަރުކަޒުގަ އެވެ. ހުޅުމާލޭ ސެންޓްރަލްޕާކު އަދި ވިލިމާލޭ ބޯޅަ ދަނޑުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ އެވެ.
އިސްލާމިކް މިނިސްޓްރީ އިން އިސްނަގައިގެން ކުރާ މި މަސައްކަތުގައި ދައުލަތުގެ މުއައްސަސާތަކާއި، ދީނީ ޖަމިއްޔާތަކާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.
ޢީދު ނަމާދުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުލުހުންނާއި އެމްއެންޑީއެފް، މޯލްޑިވްސް ކެޑޭޓް ކޯއާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނާއި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެމްޑަބްލިޔުއެސްސީއާއި، ސްޓެލްކޯއާއި، ވެމްކޯގެ އެހީތެރިކަން ލިބެމުންދާކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.
މީގެ އިތުރުން ޕޮޕްޖޯއީ އާއި، ޖަމިއްޔަތުލް ސަލަފް، އަލްއަޞްރު ޖަމިއްޔާއާއި، މަހަލްދީބް ފައުންޑޭޝަނާއި، ހިޖުރަ ޖަމިއްޔާއާއި، ޕީސް ފައުންޑޭޝަންގެ އެހީތެރިކަން ވެސް ލިބެމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ޢީދު ނަމާދަށް ދާ ރައްޔިތުންގެ ސަލާމަތަށް މާފަންނު ސްޓޭޑިއަމްއާއި އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ބައެއް މަގުތައް ބަންދުކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ޟްހާ ހީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް އެކަމަށް އެދި، ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްގެން ނުވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ރަށު ކައުންސިލުތަކަށް އަންގައިފަ އެވެ.
މީގެ ކުރިން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ ކައުންސިލްތަކުން ނިންމައިގެންނެވެ.