ދުއްވާތަކެތީގެ ސްޕީޑު ކޮންޓްރޯލުކުރުމަށް ހުޅުމާލޭ މަގުތަކުގައި ހުންނަ ބަމްޕަރުތައ ނުވަތަ ސްޕީޑް ބްރޭކަރުތަައް އަޕްގްރޭޑުކޮށް ރަބަރު ބަމްޕަރު ހަރުކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީގެ މުނިސިޕަލް ޑިރެކްޓަރު އަހުމަދު ފާތިހު މިއަދު "ސަން" އަށް ވިދާޅުވީ ހުޅުމާލޭ މަގުތައް މަތީ ހަރުކޮށްފައި ހުންނަ ބަމްޕަރުތައް އަޕްގްރޭޑުކުރުމަށް ރަބަރު ބަމްޕަރުތައް ހަރުކުރަން ނިންމާފައިވާ ކަމަށާއި އެތަކެތި ރާއްޖެ އައިހާ އަވަހަކަށް ހަރުކުރަން ފަށާނެ ކަމަށެވެ.

"ބަމްޕަރުތައް ހަރުކުރާނީ ފުލުހުންނާ ވެސް މަޝްވަރާކުރުމަށް ފަހު އެންމެ ބާރުބޮޑުވާ ސަރަހައްދުތަކުގައި،" ފާތިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ މަގުމަތީ ހުންނަ ޑީ ވޯޓަރިން ބަމްޕަރުތައް ގަވައިދާ ޚިލާފަށް ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އެކަންތައް ރަނގަޅު ކުރުމަށްް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.

"އެއީ ކޮންޓްރެކްޓަރުން ހަދާ ތަންތަން. ބައެއްފަހަރު އެބަހުރޭ މާއުސްކޮށް ހަދާފައި ވެސް. ގަވައިދަށް ނުފެތޭ ގޮތަށް ވެސް. އަޅުގަނޑުމެން މިދަނީ އެކަންތައް ރަނގަޅުކުރުވަމުން،"

އޭނާ ވިދާޅުވީ މަގުތައް މަތީ ހުންނަ ބަމްޕަރުތަކުން ކުލަ މަޑުވުމުން ދުއްވާ މީހުންނަށް ފާހަގަވާނެހެން ކުލަ ލުމުގެ މަސައްކަތް ވެސް ގަވައިދުން ކުރާ ކަމަށެވެ.

ޑީވޯޓަރިން ބަމްޕަރެއް މަތިން ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި މީގެ ކުރިން މީހަކު ވަނީ މަރު ވެސް ވެފަ އެވެ. މިފަދަ ބަމްޕަރުތައް މަތިން ކަހާލުން ފަދަ ކަންތައް ދިމާވާ ކަމަށް ހުޅުމާލޭގެ މަގުތައް ބޭނުންކުރާ މީހުން ބުނެ އެވެ.