ނެޓް ފްލިކްސް އިން ވީޑިއޯ ބަލާމީހުންނަށް މިއީ މާ އުފާވެރި ވާހަކައަކަށް ނުވެދާނެ އެވެ. ފިލްމާއި ސީރީޒް ބެލުމަށް ފޯރިދީފައި އުޅޭ މީހުންގެ އެންމެ ގާތް އެކުވެރިޔާ ނެޓްފްލިކްސް އަށް އިޝްތިހާރު ގެންނަން މިހާރު ދަނީ ވިސްނަމުންނެވެ.

ހަބަރުތައް ބުނާ ގޮތުން ދެ އެޕިސޯޑު ދޭތެރެއިން އިޝްތިހާރު ވީޑިއޯ ކޮޅު ހިމަނަން ނެޓްފްލިކްސް އިން މިހާރު ވަނީ ޓެސްޓުތައް ފަށައިފަ އެވެ. މިއާއެކު ބައެއް ޔޫޒަރުންނަށް މި އިޝްތިހާރުތައް ފެންނަން ފެށުމުން އެމީހުން ވަނީ ނުރުހުން ފާޅުކޮށް ވާހަކަ ދައްކައިފަ އެވެ.

ޓްވިޓާގައި މީހަކު ބުނެފައި ވަނީ އޭނާ ބަލާ ޝޯގެ ދެ އެޕިސޯޑު ދޭތެރެއިން އިޝްތިހާރު ދައްކާތީ ކަމުނުދާ ކަމަށެވެ. އެ އިޝްތިހާރު ސްކިޕް ނުކުރެވޭތީ ވެސް އެއްބަޔަކު ވަނީ ރުޅިގަދަވެފަ އެވެ. އެކަމަކު އިޝްތިހާރު ސްކިޕް ނުކުރެވުނީ ބަގެއްގެ ސަބަބުން ކަމަށާއި އެގޮތަށް އަރުވާ އިޝްތިހާރަކީ ސްކިޕް ކުރެވޭނެ އެއްޗެހި ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ނެޓްފްލިކްސް އިން ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ވީޑިއޯ ބަލާވަރަކަށް އެވޯޑު ލިބޭ ފީޗާއެއް ވެސް ތައާރަފުކޮށްފަ އެވެ. އެކަމަކު މިއީ ކުޑަކުދިންނަށް އެންމެ ރަނަގޅު މެސެޖު ދެވޭ ފީޗާ އަކަށް ނުވާތީ ބެލެނިވެރިންގެ ޕްރެޝަރާއެކު މި ފީޗާ ވަނީ އަވަހަށް އުނިކޮށްފަ އެވެ.